މިއީ ރަސޫލާ (ޞޢޥ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު! މިއީ ބަރަކާތްތެރި މައްސަރެއް!
- ފާތިމަތު ވަޙީދާ
- Nov 9, 2018
- 0 ކޮމެންޓު
ޙުތުބާ: މިއަދަކީ ރަބީޢުލްއައްޥަލް މަހުގެ އެއްވަނަ ދުވަހެވެ. މިފެށުނީ ބަރަކާތްތެރި މައްސަރެކެވެ. އެހެނީ، މިމައްސަރަކީ ކީރިތި ރަސޫލާ (ޞޢޥ) ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މައްސަރު ކަމަށްވާތީއެވެ.
ހަނދާން ކޮށްލަމާ ހިނގާށެވެ. ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢޥ) ދުނިޔެއަށް ވަޑައިގަތުމުގެ ފަޚުރާއި ޝަރަފު ދުނިޔެއަށް ލިބުނުއިރު، ދުނިޔޭގެ ހާލަތު އޮތީ ކޮންފަދަ އަކުންތޯއެވެ؟ ތާރީޚުގެ ޞަފްޙާތައް އެދުވަސްވަރާ ހަމައަށް އުކާލާ ބަލާށެވެ.
އިންސާނިއްޔަތުކަން އޭގެ ތާރީޚުގައި އެފަދަ ދަށަށް ގޮސްފައިވާ ދުވަސްވަރެއް ނާންނަކަން އޮޅުމެއްނެތް ގޮތުގައި އެނގިގެން ދާނެއެވެ. މީސްތަކުންވަނީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލިފައެވެ. ނޭނގުމުގެ ޖަންގަލީގެ ތެރެއަށް ވަދެ މަގުއޮޅި، ވައު ވަދެފައެވެ.
މިފަދަ ނިކަމެތި ހާލަތަކަށް ދުނިޔެ ގޮސްފައިވަނިކޮށް ކީރިތި ﷲ ގެ ރަޙުމަތްފުޅުން އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށް، ދުނިޔެ އިސްލާޙު ކުރެއްވުމަށް ފޮނުއްވީ ޤުރައިޝު ވަންހައިގެ ފަޚުރެއް ކަމަށްވާ މާތް ސާޙިބާ މުޙައްމަދު ބިން ޢަބްދުﷲ (ޞޢޥ) އެވެ. މިއުފާވެރިކަން މުޅި ދުނިޔެއަށް ލިބުނީ މިމައްސަރުގައެވެ. ޙިޖާޒް ކަރައިގެ މައްކާގެ ބިމުގައެވެ. އެއީ ޢާމުލްފީލް އޭ ކިޔުނު އަހަރުގެ ރަބީޢުލްއައްވަލް މަހުގައެވެ. މީލާދީ ތާރީޚަށް ބަލާއިރު އެދުވަސްވަރާއި ދިމާވަނީ މީލާދީން 571 ވަނަ އަހަރުގެ އޭޕްރިލް މަހާއެވެ. ސީރަތުގެ ޢިލްމުވެރިން ބުރަވެލައްވަނީ ކީރިތި ރަސޫލާ (ޞޢޥ) ދުނިޔެއަށް ވަޑައިގަތީ އެއަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަވީ ހޯމަ ވިލޭރޭ، ފަތިހު ފަޖުރުލުމާއި ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.
އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި، އުއްމަތުގެ ހެވާއިލާބައަށްޓަކައި ކީރިތި ރަސޫލާ (ޞޢޥ) ކުރެއްވި މަސައްކަތްޕުޅަކީ ދުލަކުން، ޤަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ މަތިވެރި ކަންތައްތަކެވެ. އަދާކުރަންޖެހޭ ޝުކުރަކީ އެހާމެ މަތިވެރި ޝުކުރެއްމެއެވެ.
އެޝުކުރު އަދާ ކުރުމުގެ ގޮތުން އަޅުގަނޑުމެން ކުރަންވީ ކަމަކީ އެކަލޭގެފާނު ގެންނެވި ތަޢުލީމަށް ފުރިހަމަ ގޮތުގައި ބޯލަނބާ އެކަލޭގެފާނަށް ފުރިހަމައަށް ތަބަޢާވުމެވެ.
ކޮމެންޓު (0)