ޙަޤީޤީ ޙަޔާތަކީ އުޚްރަވީ ޙަޔާތް

މީސްތަކުންގެ ތެރެއިން އެންމެ ސީދާވެގެންވާ ތެދުމަގުގައިވާ ސާހިބާއަކީ އަޅަމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) އެވެ.

އެންމެހާ މީސްތަކުންނަށް މިކަން ހަނދުމަ ކޮށްދެއްވަމުން މިއަދުގެ ޙުތުބާގައި ގޮވާލާފައިވަނީ އެންމެހާ މުސްލިމުން ތަޤުވާވެރި ވުމަށެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ. އަދި އެދުވަހުގައި ބަފަޔަކަށް ދަރިއެއްގެ ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ބަފައެއްގެ ކަމެއް ވެސް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ، ޙައްޤު ތެދެކެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭ ހުށިކަމެވެ! އަދި މަކަރުވެރި ޝައިޠާނާއާއި، ތިޔަބައިމީހުން ﷲ އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"

ޙަގީގީ ދުނިޔެއަކީ ކޮބައިތޯ އެވެ؟ އެއީ މިދުނިޔެގެ ޖައްވުގައި ހިމެނޭ އެންމެހާ ތަކެއްޗާއި ތަނެވެ. ދުނިޔޭގެ ޙަޤީޤަތަކީ ވަރަށް ރީތި އެހެން ނަމަވެސް އެހާމެ އަވަހަށް ހަލާކުވެ ފަނާވެދަނިވި ވަގުތީ އުފަލެއް ދޭ އެއްޗެކެވެ.

އިންސާނާގެ ދުނިޔެވީ ޙަޔާތް މާތް ﷲ ލައްވާފައިވަނީ އޭނާގެ އުޚްރަވީ ޙަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައި ކަމަށް ވެސް މިއަދުގެ ޚުތުބާގައި ނަސޭޙަތްތެރިވެފައިވެއެވެ.

"އެބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފިނަމަ، އެނާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އޭނާ ދާނީ ހުސްއަތާއެވެ. ބުއްދިވެރިއަކީ އުޚްރަވީ ޙަޔާތް އަބަދުމެ ހިތް މައްޗަށް ގެނެސް ލިބިފައިވާ ޙަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާއެވެ."

އެންމެ ބުއްދިވެރިއަކީ ދުނިޔެއާއި އާޚިރަތަށްޓަކައި މަސައްކަތް ކުރާ މީހާއެވެ. ދުނިޔޭގެ ޙަޔާތް މާތް ﷲ ސިފަކޮށްދެއްވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަޚުރުވެރިވާ ތަނެއްގެ ގޮތުގައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)