ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގުން، "މާލެ" މީހާ "އައިލެންޑް" މީހާ އަށް!

ރަމަޟާން މަސް ފެށުމާއި ގާތް ކުރިއިރު، ގިނަބަޔަކު އެންމެ ކަންބޮޑުވި އެއް ކަމަށްވީ ތަކެތީގެ އަގުތައް ބާޒާރުގައި އިންތިހާއަށް މައްޗަށް ދިޔުމެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް އަގުބޮޑުވެފައި މިވަނީ ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގެވެ.

އަގުތައް މައްޗަށް ދިޔުމުގެ ސަބަބުން އެކަމާއި އެތައް ބަޔަކު ބަހުސްކޮށް، ނުރުހުން ފާޅު ކުރަމުން ދަނިކޮށް، އެކަމާއި ގުޅިގެން މިހާރު ފެށިފައިވަނީ އެހެން ޒުވާބެކެވެ. "މާލެ" މީހުންނާއި "އައިލެންޑް" މީހުންގެ ޒުވާބެވެ.

ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވާހަކައިން ސޯޝަލް މީޑިއާގައި ފެށުނު މިބަހުސަށް  ރައްދެއްގެ ގޮތުގައި ބައެއް މީހުން ބުނެފައިވަނީ މާލޭ މީހުން "ގޭގެ ކުލި އިންތިހާއަށް މަތިކުރާ" ވާހަކައެވެ. ބަހުސް ފެށުނީ މިހިސާބުންނެވެ.

އެހެން ގޮސް މިހާރު މުޅި ސޯޝަލް މީޑިއާ ފުރިފައި މިވަނީ އެއްބަޔަކު އަނެއް ބަޔަކާއި ދިމާލަށް ހަޖޫ ޖެހުމުގައެވެ. "ރާއްޖެތެރޭ މީހުން މާލެ ނައިސް ރަށުގައި ތިބުމަށް" ގޮވާލާ އެމީހުންނާއި ހެދި މާލެ ތޮއްޖެހޭ ކަމަށް ވެސް ބުނެ ވަރަށް ވެސް ބޭއަދަބީކޮށް އަންހެނަކު ވަނީ އަޑުފަތުރާފައި ވެއެވެ. ރަށްރަށުން މީހުން މާލެ އަންނަނީ ރަށްތަކުން ލިބެންވާ އަސާސީ ޚިދުމަތްތައް ނުލިބޭތީކަން އަތޮޅުތެރޭގެ މީހުންވަނީ ރައްދެއްގެ ގޮތުގައި އެ"މާލޭ މީހާއަށް" ހަނދާން ކޮށްދީފައެވެ.

މިބަހުސްގެ ސަބަބުން އެނގިގެން ދަނީ އަދި ވެސް ބައެއް ދިވެހީންގެ ވިސްނުން ވަރަށް ހަނިކަމެވެ. މާލެއަށް ފޫޅު ކެނޑިޔަސް އަދި އަތޮޅުތެރެއަށް އުފަން ވިޔަސް، މިއެންމެންނަކީ ވެސް ދިވެހީންކަން އެފަދަ މީހުން ހަނދާނެއް ނުވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، އަޅުކަން ކުރަންވީ މައްސަރަށްވީހިނދު، ސޯޝަލް މީޑިއާގައި އެއް ބަޔަކު އުޅެނީ އެކަކު އަނެކަކު ދައްކޮށްލުމުގައި އަވަދި ނެތިއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

މާލެއިން ތަންތަން ކުއްޔަށްދޭ އަގުތަކުގެ މައްސަލައާއި ބާޒާރުގައި ތަކެތީގެ އަގު މަތިވުމުގެ މައްސަލައަށް ބަލާއިރު، ހަގީގަތުގައި މި ދެ ކަންތަކަކީ ވެސް ޙައްލު ކުރަން ޖެހޭ ކަންތައްކަން ރަނގަޅަށް ވިސްނާލައިފިނަމަ އިނގޭނެއެވެ. މާލެއިން ގެދޮރު ކުއްޔަށްދޭއިރު، ހިތައް އަރާހާ ވަރަށް ކުލީގެ އަގު ނުކިޔާ، ކުއްޔަށް ހިފަން އުޅޭ މީހާއަށް ވެސް ދަތިނުވާނޭހެން އަގު ކިޔުން ބުއްދިވެރިއެވެ. ހަމައެފަދައިން، އަތޮޅުތެރޭގެ މީހުން ދަނޑުވެރިކަން ކޮށްގެން ހައްދާ ބާވަތްތައް، މާލެއަށް ވިއްކަން ގެންނައިރުވެސް، އާންމު ރައްޔިތުންގެ އަތް ނުފޯރާ ވަރަށް އަގުތައް ކިޔުން ވެސް ބުއްދިވެރިއެއް ނޫނެވެ.

ދިވެހީން އެކަތި ގަނޑަކަށްވާންވީ ފުޓުބޯޅަ މުބާރާތެއް ނުވަތަ ކޮންމެވެސް އިންތިހާބެއް އޮންނައިރު އެކަންޏެއް ނޫނެވެ. އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހީންކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ. މާލެ އަކީ ރާއްޖޭގެ ވެރިކަންކުރާ ސިޓީއަށް ވީތީ، މާލެ މީހަކަށް ވެވުމަކީ ތިމާގެ ފެންވަރު މަތިވާ ކަމެއް ނޫނެވެ. އަތޮޅުތެރެއިން ނުލިބޭ އެތައް ކަމެއް މާލެއިން ލިބޭ ފަދައިން، މާލެއިން ނުލިބޭ އެތައް ކަމެއް އަތޮޅުތެރެއިން ލިބޭކަން ވެސް ދަންނަން ޖެހޭނެއެވެ.


0% އުފާވި
50% ދެރަވި
50% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)