އެކަނިވެރިމައިންނާއި ދޭތެރޭ ގިނަ މީހުން ދެކެނީ ވަރަށް ނުބައި ނަޒަރަކުން!

ކުރިން ކައިވެންޏެއް ނުވަތަ ކައިވެނިތަކެއް ކޮށްފަ، ދަރިން ލިބިފައިވާ އަންހެނުންނާއި ދޭތެރޭ ގިނަ މީހުން ދެކޭ ގޮތް ވަރަށް ގޯހެވެ.

އެފަދަ މީހުންނާއި ދޭތެރޭ ނުބައިކޮށް ދެކެނީ ހަމަ އެކަނި ފިރިހެނުން އެކަންޏެއް ނޫނެވެ. ބައެއް އަންހެނުންވެސް ވިސްނާ ގޮތް ވަރަށް ހިތްދައްޗެވެ. އަދި އެފަދަ މީހުންނޭ ކިޔައިގެން ފަތުރާ ވާހަކަތަށް ވެސް އެހާމެ ނޭދެވެއެވެ.

ގިނަ އަންހެނުންނަކީ އެކަކު އަނެކަކުގެ ވާހަކަ ދައްކަމުން ނެތި މޮށެމުންދާ ބައެކެވެ. އެފަދަ މީހުންނަށް ކަމެއްގެ އަސްލު ޙަޤީޤަތް ނޭނގުނު ކަމުގައިވިޔަސް، އެމީހުން ބުނާ ގޮތުގައި އެމީހުންނަށް ނޭނގޭ އެއްވެސް ކަމެއް ނޯވެއެވެ. މިވެނި އަންހެނެއްގެ މިވެނި ފިރިއެއް އޭނާ ވަރިކޮށްފައި އެއްލާލީ އެއަންހެން މީހާ މިހެން އުޅެގެންނޭ މިވެނި ކަމެއް ކޮށްގެންނޭ، ނުވަތަ ފިރިހެން މީހާ ކޮންމެވެސް ކަމެއް ކޮށްގެންނޭ ކިޔާ ނޭދެވޭ ވާހަކަތަށް ފަތުރަމުން ގެންދެއެވެ. އަދި ވަރިކޮށްފައި ހުންނަ މައިން، އެމީހުންގެ ދަރިން ބަލަނީ އެވެނި މިވެނި ގޮތަކަށޭ މީހުން ކައިރީ ކިޔައިގެން ވާހަކަ ފަތުރަމުން ދުވާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ ވާހަކަތައް ދައްކައިގެން ޖެހޭ މައްސަލަތަށް ވެސް މަދެއް ނޫނެވެ.

މިގޮތަށް ކަންތައް ދިމާވި އަންހެނެއް، އޭނާގެ ވާހަކަ ޙިއްސާ ކޮށްލިއެވެ.

"އެއްދުވަހު އަހަރެން ދަރިފުޅު ސްކޫލަށް ލާފަ އަންނަނިކޮށް ދިމާވި ރައްޓެއްސަކާ. އޭނާ އާއި ދިމާވީ ވަރަށް ދުވަސް ފަހުން. އެހެންވެ އަހަރެން ވަރިކުރި ވާހަކަ އޭނާއަށް އަހަރެންގެ ފަރާތަކުން ނޭގޭނެ. އަހަރެން ފެނުމާއެކީ ހާލު އަހާ، ދިރިއުޅުމުގެ ވާހަކަ ވެސް އެހި. ދެން ބުނީ ވަރަށް ދެރަވިޔޯ ވަރި ކުރި ޚަބަރު އިވިފަ. އަހަންނަށް ލިބުނީ ޝޮކެއް. އެއީ އެ ރަޙްމަތްތެރިޔާ އަށް ނޭނގޭނެ އަހަރެންގެ އާއިލާ މީހެއްވެސް. އެކަމަކު އަހަރެންގެ ކައިވެނި ރޫޅިއްޖެކަން އޭނާއަށް އެނގިއްޖެ. އެހިން ކިހިނެއްހޭ އޭނައަށް އެނގުނީ. ބުނީ އަހަރެންގެ ފޭސްބުކް ފްރެންޑެއް ހުންނާނެޔޯ ތިމަންނަ ވެސް ރައްޓެހި. އޭނަ އެއްދުވަހު ބުންޏޯ އަހަރެން ދަންނަންހޭ. އެހެން އަހާފަޔޯ ކިޔާ ދިނީ އެވާހަކަ. އަހަރެން އިތުރަށް ހައިރާންވި. އެއީ އެބުނާ މީހަކާއި އަހަރެން ޕްރައިވެޓްކޮށް ވާހަކައެއް ވެސް ނުދައްކަން. ހަމައެކަނި ފޭސްބުކްގަ ޖަހާ ކޮމެންޓު ތަކަށް ކޮމެންޓު އޭނަ ކުރަނީ. އަހަރެންގެ ރަޙްމަތްތެރިޔާ ކައިރީ އެހިން ކީކޭތޯ ކީ. އެހީމަ ބުނީ އޭނަ ބުންޏޯ އަހަރެން ވަރިކުރީ ފިރިމީހާ ކައިރިން އަބަދު ލާރިއަށް ކިޔާތީ އޭ. އަދި ބުނީ އަހަރެން ބޭނުންވަނީ ދަރިން ލިބުނީމަ ވެސް ބޭރަށް ގޮސް މަޖާކޮށްފަ އުޅެންށޭ.. ވަރަށް ބޮޑަށް ރުޅިއައި އެކަމާ. ރަޙްމަތްތެރިޔާ އަށް ޙަޤީޤަތް ކިޔާދީފަ އަހަރެން ނިންމީ އެމީހާއާއި ވެސް އެކަމާ ވާހަކަ ދައްކަން. އޭނަ ގާތު ބުނިން ރަނގަޅަށް ޙަޤީޤަތް ނޭނގޭ އިރު ފާޑުފާޑު ވާހަކަ ނުދައްކަން. އަދި ބުނިން އަންހެނަކަށްވެ ހުރެ އެހެން އަންހެނެއްގެ އިޙްސާސްތަށް ނޭނގުނީމަ ހައިރާން ވެއޭ ވެސް. އޭނާ އެއްވެސް ވަރަކަށް ދުލެއް ނުކުރި. އަދި ކުރެވުން ކަމަކަށް މާފަށްވެސް ނޭދޭ. ބުނީ ލޯބި ލޯބި ދަރިއެއް ހުއްޓާ ވަރިކޮށްލާފަ ދާނީ ހަމަ އަހަރެން ވިޔާނުދާ ކަމުންނޯ"

މިވާހަކައިން ދޭހަވި ވަރަށް ބައިވަރު އެއްޗެހި އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ ސޯޝަލް މީޑިއާ އިން އެއްޗެއް ފެނިގެން ވެސް، ނުވަތަ އެހެން ގޮތަކުން ވެސް އެހެން މީހެއްގެ ދިރިއުޅުމާއި ބެހޭ ގޮތުން އެއްޗެއް އެނގިއްޖެ ނަމަ، އެކަމާއި ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަން މީހުން ބޭނުންވާ ކަމެވެ. އަދި ދަރިއަކު ހުއްޓާ ވަރިކޮށްފިނަމަ، ވަރިކުރާނީ އަންހެން މީހާ ވިޔާނުދާ ކަމުން ކަމަށް ގިނަ އަންހެނުން ދެކޭ ކަމެވެ. ނަމަވެސް މިއީ މިކަމުގެ ރަނގަޅު ގޮތެއް ނޫނެވެ. ކަންކަމާއިމެދު ތިމާ ހިތަށް އަރާ ނުވަތަ ވިސްނާ ގޮތަކީ ޙަޤީޤަތަށް ނުވެދާނެއެވެ. އެހެންކަމުން އެފަދަ ގޮތްގޮތަށް ވާހަކަ ފެތުރުން ރަނގަޅެއް ނޫނެވެ.

އެކަނިވެރި މައިންނާއި ދޭތެރޭ މިފަދަ ނޭދެވޭ ގޮތްގޮތަށް ދެކެނީ ހަމައެކަނި އަންހެނުން އެކަންޏެއް ނޫނެވެ.  އެކަނިވެރި މައިންނާ ދޭތެރޭ ބައެއް ފިރިހެނުން ދެކޭ ގޮތް އަދި މާގޯހެވެ. އެކަނިވެރި މަޔަކާ ދިމާވެއްޖެ ނަމަ ނުވަތަ ވާހަކަ ދެކެވިއްޖެ ނަމަ އެމީހުންގެ "އެކަނިވެރިކަން" އެފަދަ ފިރިހެނުންނަށް ވިސްނެއެވެ. ނަމަވެސް ވިސްނެނީ މުޅިން ނުބައި ކޮށެވެ. އެފަދަ ފިރިހެނުންނަށް ހީވެފައިވަނީ އެކަނިވެރި މައިން ބޭނުންވާނީ ޝަޚުވާނީ އެދުންފުއްދަން އެކަނި ކަމަށެވެ. އަދި އެކަނިވެރި މައިން ގެންގުޅެންވާނީ ވެސް ހަމައެކަނި އެ އެދުން ފުއްދަން ކަމަށް ދެކޭ ފިރިހެނުން ވެސް މަދެއް ނޫނެވެ. އެކަހަލަ ފިރިހެނަކާ އެކަނިވެރި މައެއް އަނގައިން ބުނެލިޔަސް އަވަހަށް އުޅޭނީ ދިމާވެވޭތޯ އެވެ. އަދި އެހެން ކަމެއް ކުރެވޭތޯ އެވެ. އެކަންކަމަށް އެއްބަސް ނުވުމުން ވާހަކަ ދެއްކުން ހުއްޓާލާ، އިތުރު އެއްވެސް ގުޅުމެއް ބާއްވަން ފޫހިވާ ފިރިހެނުން ވެސް މަދެއް ނޫނެވެ. އެކަނިވެރި މައެއްގެ ދިރިއުޅުމަށް ޙަލާލު ގޮތުގައި އައިސް އެއަންހެން މީހާގެ ދަރިންނަށް ބައްޕައެއްގެ ލޯބި ދޭން ވިސްނާނީ މަދު ފިރިހެނެކެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)