ބޭރު ޤައުމެއްގައި އުމުރުން 4 މަހުގެ ތުއްތު ދަރިފުޅު ބަހައްޓާފައި އައި ދިވެހި އަންހެނެއްގެ ވާހަކަ

ޔޫކްރޭނަށް މެޑިސިން ކިޔަވަން ދިޔަ ދިވެހި އަންހެނަކަށް ލިބުނު ދަރިއަކު، އެޤައުމަށް ދޫކޮށްލާފައި އެނބުރި ރާއްޖެއައި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ޝިބާ ރުޝްދީ، އޭނާގެ ދަރިފުޅު ޔޫކްރޭނަށް ދޫކޮށްލާފައި އައީ އެކުއްޖާގެ އުމުރުން އެންމެ ހަތަރު މަހުގައެވެ. މިމައްސަލަ ފެންމަތިވެފައިވަނީ މިސްރަށް ނިސްބަތްވާ އެކުއްޖާގެ ބައްޕަ އަދި ޝިބާގެ ކުރީގެ ލޯބިވެރިޔާ މުޙައްމަދު އައްސަލާމް (20އ.) މިކަމާއި ގުޅޭގޮތުން ކަންބޮޑުވެ އޭނާގެ ހިތާމަތަށް އެޤައުމުގެ ޓީވީޝޯއެއްގައި ހާމަކުރުމުންނެވެ.

ޝިބާ އާއި މުޙައްމަދު އަކީ ވެސް މެޑިސިން ކިޔަވަމުން ދިޔަ ދެ ދަރިވަރުން ކަމަށާއި، ކޯސް ފުރިހަމަ ކުރުމަށްފަހު، ޝިބާ ރާއްޖެ އެނބުރި އައި ނަމަވެސް މުޙައްމަދުގެ ކޯސް ނުނިމޭތީ އޭނާ ޔޫކްރޭއިނުގައި މަޑުކުރީއެވެ. އެދެމީހުންނަށް ލިބިފައިވާ ކުޑަ ދަރިފުޅު މިހާރު ބަލަމުން ދަނީ މުޙައްމަދެވެ.

ޓީވީ ޝޯގައި ވާހަކަ ދައްކަމުން މުޙައްމަދު ވަނީ، އެމީހުންގެ ހަތަރު މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އޭނާ އުފުލަމުންދާ ތަކުލީފުތައް ވެސް ކިޔައިދީފައެވެ. މުޙައްމަދު ބުނިގޮތުގައި ދަރިފުޅަކީ ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެއްކަމުން، އެތުއްތު ދަރިފުޅު ޔޫކްރެއިން ގައި ރެޖިސްޓްރީ ކުރެވޭކަށް ވެސް ނެތެވެ. އެހެންކަމުން މުޙައްމަދަށް އެކުއްޖާ އޭނާގެ އުފަން ޤައުމު ކަމަށްވާ މިސްރަށް ގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އަނެއްކޮޅުން، ކިޔަވާނިމި، ގްރެޖުއޭޝަނަށްފަހު އެދަރިފުޅުގެ މަންމަ (ޝިބާ) ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ދަރިފުޅާއި މުޙައްމަދު ގާތަށް އެނބުރި ދާނެ ކަމުގެ އެއްވެސް އުންމީދެއް ޝިބާގެ ފަރާތުން މިހާރު ނެތް ކަމަށް ވެސް މުޙައްމަދު ބުންޏެވެ.

ޓީވީ ޝޯގައި ވާހަކަ ދައްކަމުން މުޙައްމަދު ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅުގެ މަންމަ އެނބުރި ރާއްޖެއައީ ވިސާގެ މުއްދަތު ހަމަވުމުންނެވެ. ޔޫކްރެއިންގައި ކިޔަވަން ހުރި ދުވަސްކޮޅު ކައިވެނިން ބޭރުން ދަރިއަކު ލިބުންކަން އަންހެން މީހާގެ އާއިލާއަށް އަންގާފައި ނުވާ ކަމަށާއި، އެހެންނަމަވެސް ޝިބާ ރާއްޖެ އައީ ދަރިފުޅާއި މުހައްމަދު ގާތަށް އެނބުރި ދާނެ ކަމަށް ބުނެފައި ކަމަށް މުޙައްމަދު ބުންޏެވެ.

ޓީވީ ޝޯގައި މުޙައްމަދު ދެއްކި ވާހަކަތަކާއި ގުޅިގެން އެޝޯއިން ވަނީ ޝިބާ އަށް ވެސް ގުޅާފައެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި އޭނާ ޔޫކްރެއިނަށް ދާން ބޭނުންވެއެވެ. ނަމަވެސް ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި ވިސާއަށް އެޕްލައި ކުރަން ދާން ޖެހެނީ އިންޑިއާ އަށް ކަމަށް ވެސް ޝިބާ ބުނެފައިވެއެވެ.

ޝިބާ މިހެން ބުނެފައިވާއިރު ޔޫކްރެއިން ވިސާއަށް ރާއްޖޭގައި ހުރެގެން ވެސް އެޕްލައި ކުރެވެއެވެ.

ޝިބާއާއި މުޙައްމަދަށް ލިބިފައިވާ ހަތަރު މަހުގެ ތުއްތު ދަރިފުޅާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިވެހި އެއަންހެން މީހާ ބުނެފައިވަނީ، ދަރިފުޅާއި މުޙައްމަދު މަތިން ހަނދާންވާ ކަމަށާއި ނަމަވެސް ދަރިފުޅުގެ ހާލަތާއި ބެހޭގޮތުން ޝިބާގެ މައިންބަފައިންނާ ވާހަކަ ދެއްކުމަށް ދަތިތަކެއް ހުރި ކަމަށެވެ.

"މާލީ ގޮތުން ފުދުންތެރި ނޫން މީހަކާއި ކައިވެނި ކުރަން މަންމަ ނުރުހޭ" ކަމަށް ޝިބާ ބުނެފައިވެއެވެ. ޝިބާގެ އެ ސްޓޭޓްމަންޓަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން މުޙައްމަދު އާއި ލޯބީގެ ގޮތުން ގުޅި ދެމީހުންގެ ގުޅުން އެހާ މައްޗަށް ދިޔައިރު ޝިބާއަށް އެކަން ނުވިސްނުނުތޯއާއި އެގޮތަށް އުޅުނީ މައިންބަފައިން ރުހިގެންތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެއެވެ.

މީގެއިތުރުން އެޝޯގައި ޝިބާ ބުނެފައިވަނީ "ރާއްޖޭގެ ސަގާފަތް" އޮންނަ ގޮތުން މައިންބަފައިންގެ ރުހުމާ ދެކޮޅަށް ކައިވެނި ނުކުރެވޭނެ ކަމަށެވެ. ޝިބާ އެދައްކަނީ ކޮން ސަގާފަތެއްގެ ވާހަކައެއް ކަމެއް ނޭނގެއެވެ. މައިންބަފައިންގެ ރުހުމަކީ ވަރަށް މުހިންމު އެއްޗަކަށްވީ ހިނދުވެސް، އެމީހުންގެ ނުރުހުމުގައި ކައިވެނި ކުރާ މީހުން ރާއްޖޭގައި މަދެއް ނޫނެވެ. އަދި އެކަމަކީ ރާއްޖޭގައި މާބޮޑު "ސަގާފަތެއްގެ" ދަށުން ދެމަފިރިންނަށް އަދަބު ލިބޭ ނުވަތަ އަދަބު ދޭ ކަމެއް ވެސް ނޫނެވެ.

ޝިބާގެ ބައްޕަގެ ސިއްޙީ ހާލު ހުރިގޮތުން ކަމުގެ ހަގީގަތް ކިޔައިދޭން އުނދަގޫ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޔޫކްރެއިނަށް އެނބުރި ދިޔުމަށް އެހީތެރިކަން ފޯރު ކޮށްދީފިނަމަ އެޤައުމަށް އެނބުރި ދާނަންތޯ ޓީވީގެ ހޯސްޓް އެއަންހެން މީހާ ގާތު އެހުމުން އޭނާ ބުނެފައިވަނީ ޔުކްރެއިނަށް ދާން ބޭނުން ކަމަށާއި އެގޮތަށް ދިޔަ ނަމަވެސް މައިންބަފައިން މައްސަލައެއް ނުޖައްސާނެ ކަމަށެވެ. ނަމަވެސް ޔޫކްރެއިންނަށް ދަނީ މުޙައްމަދު ގާތަށްކަން އެނގިއްޖެނަމަ އެކަން މައްސަލައަކަށް ވެދާނެ ކަމަށް ވެސް ޝިބާ ބުނެފައިވެއެވެ.

އުމުރުން ހަތަރު މަހުގެ ތުއްތު ދަރިފުޅު ޔޫކްރެއިނަށް ދޫކޮށްލާފައި ރާއްޖެ އައި އެއަންހެން މީހާ ބުނިގޮތުގައި އޭނާއަށް މިސްރަށް ދެވޭނެ ގޮތް ވެއްޖެނަމަ ދަރިފުޅާއެކު ދިރިއުޅުމަށް އެޤައުމަށް ދާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޔޫކްރެއިނުގައި ދަރިފުޅު ރެޖިސްޓާ ކޮށްފައި ނުވުމުން، ޚުދް މުޙައްމަދު ވެސް ހުރީ އެތުއްތު ކުއްޖާފުޅު ގޮވައިގެން މިސްރަށް ނުދެވިފައެވެ. ރެޖިސްޓާ ކުރެވެން އޮތީ ޝިބާ ޔޫކްރެއިނަށް ގޮސް، އެދެމީހުން ކައިވެނި ކޮށްގެންނެވެ.


0% އުފާވި
100% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)