ފިރިންނަށް އެންމެ ކުރަން އުނދަގޫ އެއް ކަމަކީ... ޒިންމާދާރުވުން!
- ފާތިމަތު ވަޙީދާ
- Nov 8, 2018
- 0 ކޮމެންޓު
ކައިވެންޏަކީ ވަރަށް ވެސް މަތިވެރި ގުޅުމެކެވެ. އެކުއެކީގައި މުޅި އުމުރުދުވަހު އުޅެން ނިޔަތް ކަނޑައަޅައިގެން ކައިވެނީގެ މަތިވެރި ގޮށް ޖަހަނީ، ގިނަ ފަހަރަށް އެކަމުގެ ޒިންމާތައް ވެސް ރަނގަޅަށް ނޭނގިއެވެ.
ޚާއްސަކޮށް ދިވެހީންގެ މެދުގައި ކައިވެންޏަކަށް، ގިނަ ފަހަރަށް ދެމަފިރިއަކު ދަނީ، ރަނގަޅަށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސް ނުވެއެވެ.
ބައެއް ދިވެހީން ދެކޭ ގޮތުގައި ކައިވެންޏަކީ ޖަރީކޮށްފައި ހުންނަ ބޮޑު ހެދުމެއް ލައިގެން، އާއިލާއަށާއި ރަށްޓެހީންނަށް ބޮޑު ޕާޓީއެއް ބޭއްވުމެވެ. ދެން ގޮތް ގޮތަށް އެކުގައި ފޮޓޯ ނަގާފައި ސޯޝަލް މީޑިއާގައި އާންމުކުރުމެވެ.
ނަމަވެސް ކައިވެންޏަކީ، ވަރަށް ގިނަ ޙައްޤުތަކަކާއި، ޒިންމާތަކަކާއި ވަފާތެރިކަން ވެސް އޮންނަން ޖެހޭ ވަރަށް ވެސް ބޮޑު ކަމެކެވެ.
ކައިވެންޏެއް ކޮށްގެން އުޅޭ ދެމަފިރިއެއްގެ ތެރެއިން، ފާހަގަ ކުރެވޭ ގޮތުގައި އެންމެ ޒިންމާދާރުކަން ކުޑައީ ފިރިހެން މީހާގެއެވެ. ޚާއްސަކޮށް ގިނަ ދިވެހި ފިރިހެނުންނަކީ ކަންކަމާމެދު ވަރަށް ފަސޭހައިން ބޮލަށް އުނދަގޫވެ ޝަކުވާ ގިނަވެ، ހަގީގީ ޒިންމާތައް އަދާ ކުރަން ނޭނގޭ ބައެކެވެ.
ގޭތެރޭގެ ކަންކަން ހަމަޖެއްސުމަށާއި އެއްޗެހި ގަންނަން ފައިސާ ދޭން އެހުމާއެކު ތިބެނީ ތިމާމެންނަކީ "އޭޓީއެމް މެޝިނެއް" ކަމުގެ ލަގަބު އަމިއްލައަށް ޖެހިގެންނެވެ.
ރަށްޓެހިންނާއެކު ކިތަންމެ ވަރަކަށް ކޮފީތަކަށާއި ކުޅިވަރު ކުޅެން ދެވުނަސް، އަނބިމީހާއާއެކު އެންމެ ކުޑަމިނުން ހިނގާލަން ވެސް ނުވަތަ ގެކައިރީ ފިހާރައަކަށް ދާން ވެސް ކަންބޮޑުވާ ފިރިހެނުން މަދެއް ނޫނެވެ.
ގޭތެރޭގެ ކަންކަން ބަލަހައްޓަން އަނބިމީހާ އަވަދިނެތި އުޅޭއިރު، އޭނާއަށް ފަސޭހައެއް ކޮށްދޭން އަތްގާތް ކޮށްލަދޭން ބުނެފިނަމަ އެވަނީ އަނބިދަށު ކުރާ ކަމަށެވެ. އޮފީހުން އައުމުން އަނބިމީހާ އޭނާގެ އަމިއްލަ ވާހަކައެއް ދައްކަން ފެށުމާއެކު ބުނާ ބަހަކީ ތިމަންނާ މިއައީ އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައޭ މިގަޑީގައި ވާހަކަ ނުދައްކާށޭއެވެ. ފިރިންނަށް ހީވާ ގޮތުގައި އަނބިން ގޭގައި ތިބެގެން ކުރާހާވެސް ކަމަކީ ކައިކައިގެން ނިދުމެވެ. ބުރައެއް ނުވާނެއެވެ.
ބައެއް ފިރިންނަށް ޓީވީ އާއި، ފޯނާއި، ސައިކަލާއި މަގުން ހިނގާފައިދާ އެހެން އަންހެނުން ވަރަށް ފަސޭހައިން ފެނެއެވެ. ނަމަވެސް ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިގެން، ހަޔާތަށް ގެނެސްފައި އިންނަ އަނބިމީހާ ފެންނާނީ މަދު ފަހަރަކުއެވެ.
އެފަދަ ގޮތަކަށް ދިރިއުޅެމުން ދަނިކޮށް، ދަރިއަކު ލިބިއްޖެނަމަ ހަތަރެސްކަން ހަމަވީއެވެ. ދަންވަރު ގަޑީގައި ދަރިފުޅު ރޯ އަޑަށް ހޭލެވިއްޖެނަމަ އަނބިމީހާއާއި ދަރިފުޅު ހަވާލުކޮށްފަ، ދަރިފުޅުގެ ކުޑަ އެނދުގައި އޮށޯވެ ނަމަވެސް ބަލާނީ ނިދޭތޯއެވެ. ތުއްތު ދަރިފުޅަށްވުރެ، ފިރިމީހާ ކުރާ ޝަކުވާ ގިނަވާނެއެވެ.
ދަރިއަކު ގޮވައިގެން ސްކޫލަށް ނުދެވުން ކަމުގައި ވިޔަސް، ނުވަތަ ސްކޫލްގެ ބައްދަލުވުމަކަށް ނުދެވުން ކަމުގައި ވިޔަސް، ރަށްޓެހިންނާއެކު ބޭރު ތެރޭގައި އުޅެވޭނެއެވެ.
އާންމު ގޮތެއްގައި ކައިވެންޏެއް ރޫޅެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ. ފިރިންނަށް ރަނގަޅަށް ޒިންމާތައް ނުނެގުމެވެ. ނަމަވެސް މިއީ ހުރިހާ ފިރިހެނުން އުޅޭ ގޮތެއް ނޫނެވެ. އަނބިދަރީންގެ ޒިންމާތައް ރަނގަޅަށް އަދާކުރާ ހެޔޮލަފާ ފިރިން ވެސް މަދުން ނަމަވެސް އަހަރުމެން ތެރޭގައި އުޅެއެވެ.
ކޮމެންޓު (0)