ފުރަތަމަ ފަހަރަށް "މިސް ވޯލްޑް" ގެ ތާޖު މެކްސިކޯ އަށް

ދުނިޔޭގެ ރީތީގެ ރާނީ ކަމުގެ ތާޖު ފުރަތަމަ ފަހަރަށް މެކްސިކޯ ގެ މޮޑެލްއެއް ހާސިލް ކޮށްފިއެވެ. 

"މިސް ވޯލްޑް" ކަމުގެ ޝަރަފުވެރި ތާޖު މިއަހަރު ލިބިފައިވަނީ މެކްސިކޯގެ މޮޑެލް ވެނީސާ ޕޮންސް ޑި ލިއޯން (26އ.) އަށެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗައިނާގެ ރަަށެއް ކަމުގައިވާ ހައިނާން ގައި ބޭއްވުނު 68 ވަނަ މިސް ވޯލްޑް ޚަފްލާގައި، ދުނިޔޭގެ އެކިކަންކޮޅުތަކުން 118 ޤައުމަކުން ބައިވެރިވެފައިވެއެވެ. 

މިފަހަރުގެ މިސް ވޯލްޑް ޕެޖެންޓްގެ އެންމެ މަތީ ފަސް ޤައުމަކަށް ހޮވިފައިވަނީ ބެލާރުސް، މެކްސިކޯ، ޔޫގާންޑާ، ޖަމައިކާ އަދި ތައިލޭންޑް އެވެ. މިދިޔަ އަހަރު މިސް ވޯލްޑްކަމުގެ ތާޖު އެޅުވުނު އިންޑިއާ، މިފަހަރު އެންމެ މަތީ ފަސް ވަނައިގައި ނުހިމެނުމުން، އެޤައުމުގެ ގިނަބަޔަކު ވަނީ އެކަމަށް ވަރަށް ފާޑު ކިޔާފައެވެ. 

މިސް ވޯލްޑް 2018 ގެ ތާޖު މެކްސިކޯގެ ވެނީސާގެ ބޮލުގައި އަޅުވައިދިނީ، މިދިޔަ އަހަރު އެމަގާމު ހާސިލްކުރި އިންޑިއާގެ މަނޫޝީ ޗިއްލާ އެވެ. 

ވެނީސާ ޕޮންސް ޑި ލިއޯން އަކީ ފުލް ޓައިމް މޮޑެލް އެކެވެ. އޭގެ އިތުރުން އޭނާވަނީ ޔުނިވާރސިޓީ އޮފް ގުއަނަޖުއާޓޯ އިން އިންޓަރނޭޝަނަލް ކޮމާސް ކިޔަވާ،ޑިގްރީއެއް ވެސް ހާސިލް ކޮށްފައެވެ. މީގެ އިތުރުން ވެނީސާ އަކީ އަންހެން ކުދިންގެ ރީހެބް ސެންޓަރެއްގެ ބޯޑު މެމްބަރެއް ވެސް މެއެވެ. މޮޑެލް ކުރަން އޭނާ ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)