ކިޔާ ދޫތަކުންމީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ

މިއަދަކީ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ އަބްޠާލުންގެ ހަނދާނުގައި ފާހަގަ ކުރަން ފެށި ދުވަހެކެވެ.

އެހަމަލާ ދިނުމަށް މާލެ އައުމަށްޓަކައި (ޝްރީ ލަންކާ) ޓަމިލް ނާޑޫގެ މުއްލިކުލަމުން ދުޝްމަނުން ފުރީ އެއަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ. ކަނޑުމަތީގައި ފަސް ދުވަސް ހޭދަ ކުރުމަށްފަހު އެމީހުންނަށް މާލެ އެރުނީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެއީ 870 ކިލޯމީޓަރު ދިގު ރާސްތާއަކަށް ފަހެވެ.

އެދުވަހުގެ ނާމާންކަން ފެށުނީ އެވަގުތުން ފެށިގެންނެވެ. އެމީހުން މާލެ އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަޑީގެ އަޑުތަކުން މާލޭގައި އެވަގުތު ދިރިއުޅެމުން ދިޔަ ހުރިހާ ދިވެހިންގެ ހިތްތައް ބިރުވެރިކަމަކަށް ވައްޓާލިއެވެ.

ދިވެހިންގެ ބަޔަކުވެސް އެއްބައިވެގެން ހިންގި މިހަމަލާގައި، ދުޝްމަނުންގެ ތެރޭގައި އެންމެ އިސްކޮށް ހުރީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ.

ގާތްގަނޑަކަށް 80 އެއްހާ އަދުއްވުން ހިމެނޭ މިގްރޫޕުގެ އަމާޒަކަށް އެންމެ ފުރަތަމަ ވެސް ވީ ބަނޑޭރި ގޭގެ މައި ދޮރާއްޓެވެ.

އެދޮރާށީގައި ފޯރި މަރަން އެދުވަހު ހުރި ސިފައިންގެ އެއް ބޭކަލަކީ ޝަހީދު ޙުސެއިން އާދަމް އެވެ.

ދުޝްމަނުންނާއި ރާއްޖޭ ސިފައިންގެ މެދުގައި އެދުވަހު ވަނީ ބަޑީގެ ގިނަ ހަމަލާތަކެއް ބަދަލު ކޮށްފައެވެ. އެދުވަހު ދުޝްމަނުން ވަނީ ރާއްޖޭގެ އިސްވެރިންތަކެއް ވެސް ރަހީނު ކުރަން މަސައްކަތް ކޮށްފައެވެ. އެކަން ކާމިޔާބު ނުވި ނަމަވެސް އެމީހުން ވަނީ ބައެއް ދިވެހިން ރަހީނު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި 14 މީހުން ރަހީނު ކޮށްގެން ބޯޓަށް އެރުވިއެވެ. އޭގެ ތެރޭގައި އޮނަރަބަލް އަހުމަދު މުޖުތަބާ (ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު) ވެސް ހިމެނިވަޑައިގެންވެއެވެ.

ރަހީނުކުރި ދިވެހިން ސަލާމަތްކޮށް އަދުއްވުން އަތުލައިގަނެވުނީ އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކުގައެވެ.

އެދުވަހުގެ އެނާމާން ހަމަލާތައް ނިމުނުއިރު ސިފައިންގެ އަށް (8) ބޭފުޅުންނާއި އާންމުންގެ 11 މީހުން ވަނީ ޝަހީދު ވެފައެވެ.

އެގޮތުން ޝަހީދުވި ސިފައިންގެ ބޭފުޅުންގެ ތެރޭގައި ޝަހީދު ކޯޕްރަލް ޙުސެއިން އާދަމް، ޝަހީދު ލެފްޓަނަންޓް ކުޑަނެރި ތުއްތު މަނިކު، ޝަހީދު ކޯޕްރަލް މުޙައްމަދު ހަސަން، ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް، ޝަހީދު ސާޖަންޓް އާދަމް ނަސީރު، ޝަހީދު ކޯޕްރަލް ޙުސެއިން މުޙައްމަދު، ޝަހީދު ކޯޕްރަލް އަބްދުﷲ ޒާހިރު އަދި ޝަހީދު ސާޖަންޓު ކުޑަ އާދަން ތުއްތު ހިމެނި ވަޑައިގެންވެއެވެ.

ޝަހީދު ކޯޕްރަލް ޙުސެއިން އާދަމް / މެޑަލް އޮފް ބްރޭވަރީ

އެދުވަހު ޝަހީދުވި އަބްޠާލުންގެ ޒިކްރާ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

"ކިޔާ ދޫތަކުންމީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ

  ހިޔާފެތުރުވިއެ ރީތި މިނިވަން އަމާނާ، ފިދާކޮށް ވަޠަނަށްޓަކައި ރޫހު ޖާނާ"


100% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)