މާޔާ (12 ވަނަ ބައި)

ސާރާ އުފަންވީ ފަހުން، ދިރިއުޅުމާމެދު މާޔާއަށް އައު ހިތްވަރެއް ލިބުނެވެ. އެދަރިފުޅަށް ގާތުން ކިރު ދޭންވާ ގަޑިތަކުގައި ދައްތަ އާއި ހަވާލު ކުރިޔަސް، ދަރިފުޅަށް ކޮށްދޭން ޖެހޭ އެހެން ހުރިހާ ކަމެއް ކުރީ މާޔާގެ އަމިއްލަ ދެއަތުންނެވެ. އެއީ މާޔާގެ އަމިއްލަ ދަރިއެއް ނޫނޭ ކުޑަކޮށް ވެސް އޭނާއަށް އިޙުސާސެއް ނުވެއެވެ.

އެފަދައިން ނުހަނު އުފަލުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ސާރާ ގެ އުމުރުން ތިން މަސް ވުމުން، ޤާނޫނީ ގޮތުން ސާރާއާއި ހަވާލުވުމަށް މާޔާގެ ދައްތައާއި އޭނާގެ ފިރިމީހާ، އަދި ރިޝްވާން އާއި މާޔާ، ފެމިލީ ކޯޓަށް ދިޔައެވެ.

ނަމަވެސް އެދުވަހު ކޯޓަށް ގޮސްފައި، ސާރާ މާޔާ މެންނަށް ދިނުމުގައި ދައްތަގެ ފިރިމީހާ ޝަރުތެއް ކަނޑައެޅިއެވެ. އެޝަރުތާއި ބެހޭ ގޮތުން ކުރިން މާޔާމެންނާއި މަޝްވަރާ ވެސް ކޮށްފައި ނުވުމުން، އެކަންވީ ރިޝްވާން އަށް ވެސް އަދި މާޔާ އަށް ވެސް ލިބުނު ސިހުމަކަށެވެ.

ދައްތަގެ ފިރިމީހާ ޝަރުތު ކުރީ މާޔާ އާއި ރިޝްވާން އަށް ސާރާ ދޭނީ، އެދެމަފިރިން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭހައި ދުވަހަކު ކަމަށާއި ރިޝްވާން އާއި މާޔާ ކޮންމެ ސަބަބަކާއި ހެދި ނަމަވެސް ވަރިވެއްޖެނަމަ، ސާރާ ގެ ބެލެނިވެރިކަން އަނބުރާ މާޔާގެ ދައްތަމެންނަށް ލިބޭނެ ކަމަށެވެ.

ހުށަހެޅުނު ޝަރުތާއިމެދު ވިސްނާލުމަށް ގާޒީ ވަގުތުކޮޅެއްދީ، ގަޑިއިރަކަށް އެޝަރީޢަތުގެ އަޑުއެހުން މެދުކަނޑާލިއެވެ. ކޯޓު ބޭރުގައި ތިބެ މާޔާ އާއި ރިޝްވާން ވާހަކަ ދައްކާފައި އެއްބަސްވީ އެޝަރުތާއިމެދު އެއްބަސް ވާށެވެ. ކުއްލިއަކަށް ޝަރުތެއް ކަނޑައެޅުމުން ރިޝްވާން ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް، މާޔާ އާއި ވަރިވާނޭހެން ރިޝްވާނަށް ހީނުވާތީ އެކަމަށް އެއްބަސްވާން ނިންމިއެވެ.

ހުށަހެޅުނު ޝަރުތަށް އެއްބަސްވެ، ޤާނޫނީ ގޮތުން ވެސް ސާރާ ބެލުމުގެ ބާރު މާޔާ މެންނަށް ލިބުނެވެ. އެކަމާއި މާޔާ ވަރަށް އުފާވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކުޑަކުޑަ ސާރާއަށް އިށީންދެވެން ފަށާ، ފަސް މަހުގައި ފިރުކެން ވެސް ފެށިއެވެ. މާޔާ މެން ކޮންމެ މަހެއްގެ 7 ވަނަ ދުވަހު، ސްޓޫޑިއޯ އަކަށް ގޮސް ސާރާ ގެ ފޮޓޯ ވެސް ނެގިއެވެ. ސާރާ ދެކެ އެހާވެސް ބޮޑަށް ލޯބިވިއެވެ. ރިޝްވާން ގެ އާއިލާ ވެސް ސާރާ ބަލައިގަތީ އެމީހުންގެ އަމިއްލަ ކުއްޖެއް ފަދައިންނެވެ.

ނަމަވެސް އުފާވެރިކަމާއިއެކު އަނެއްކާވެސް ހިތާމަވެރިކަން ވެރިވިއެވެ. ބޮޑުވަމުން އަންނަ ވަރަކަށް ސާރާއަށް އެއްޗެހި ހޯދައިދޭން ޖެހޭ މިންވަރު ވެސް އިތުރުވާން ފެށިއެވެ. އަދި އެހެނިހެން ދަތިތަކާއިވެސް ކުރިމަތިވާން ފެށިއެވެ.

އެއް ރެއެއްގެ ދަންވަރު މާޔާއަށް ހޭލެވުނީ ސާރާ ރޯން ފެށި އަޑަށެވެ. އެއަޑަށް ރިޝްވާނަށް ވެސް ހޭލެވުނެވެ. މާޔާ އަވަހަށް ސާރާގެ ނެޕީ ބަދަލު ކޮށްފައި، އޭނާއަށް ބުއްފުޅިއެއް ދީފައި ނިންދެވިއެވެ. ރިޝްވާން އޮތީ ހިތްހަމަ ނުޖެހިފައިކަން އެއިރުވެސް މާޔާ އަށް އެނގުނެވެ.

"އަހަރެން ވަރަށް ވިސްނައިފިން. ސާރާ އަނބުރާ މާޔާގެ ދައްތައަށް ދީ!"

 

(13 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)