މާޔާ (ފުރަތަމަ ބައި)

ގޮނޑު ދޮށުގެ ރީތި ހޭޅި ފަށުގައި މާޔާ އިށީންދެގެން އިނީ އޭނާގެ ފައިދަށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ގެއްލިފައެވެ. ދުވަހަކީ އުޑުމަތި ސާފު، ހިތައް ފިނިކަން ގެނެސްދޭފަދަ ވައިރޯޅި ދުނިޔެ މައްޗަށް ޖެހެމުންދިޔަ ހިތްގައިމު ދުވަހެކެވެ. އެނަލަނަލަ ވައިރޯޅިއާއިއެކު، މާޔާ އަޅައިގެން އިން ބުރުގާގެ އެއްކަން ވިހުރެމުން ދިޔައިރު، އޭނާ އިނީ އެދުވަހުގެ ރީތިކަމުގެ ތެރެއިން ދިރި އުޅުމާމެދު ވިސްނާށެވެ. މާޒީގެ އެކި ސޮފްޙާތައް މާޔާގެ ސިކުނޑިން އެއްލަމުން ދިޔައިރު، އެކަންކަމަކީ އިއްޔެ މެންދުރު އޭނާއަށް ތަޙައްމަލު ކުރަން ޖެހުނު ކަންތައްފަދައެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް މާޔާ އަކީ ކަންކަމާމެދު ވިސްނަމުން ދިޔަ ކުއްޖެކެވެ. ހަނދާންވާން ފެށީއްސުރެ އޭނާގެ ދިރިއުޅުން އެހާމެ ބަނައެވެ. މާޔާ ވިސްނަމުން ދިޔައެވެ. ލިބިފައިވި ހުރިހާ އަނިޔާތަކަކާމެދުއެވެ.

މާޔާގެ އުމުރުން ހަތް އަހަރުގެ ދުވަހެއް އޭނާގެ ހަނދާނަށް އައެވެ. އެއީ 1991 ވަނަ އަހަރެވެ. އެއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަ ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު މާޔާ ހުރީ މާފަންނު ސަޙަރާގައެވެ. އޭނާ އެންމެ ލޯބިވީ ބޮޑު ދައިތަ ނިޔާވުމުން، ބޮޑު ދައިތަގެ މޫނު ދެކި ވަދާޢީ ސަލާމް ކުރުމަށެވެ.

މީހަކު މަރުވުމުން ހިތައް ވެރިވާނެ ހިތާމަ އޭގެ އެންމެ ފުންމިނަށް އެއިރު މާޔާއަށް ނޭނގުނު ކަމުގައި ވިޔަސް، ބޮޑުދައިތަ ނިޔާވެއްޖެކަމާއި ދެން ނުފެންނާނެކަން އޭނާއަށް ވިސްނުނެވެ. ބޮޑުދައިތައަކީ އަބަދުވެސް މާޔާ އުނގައްލައިގެން، އޭނާއަށް ނުހަނު ލޯބި ދީގެން އުޅުނު މީހެއްކަމުން، ބޮޑުދައިތަ ވަކިވުމުން އެފަދަ ޅައުމުރެއްގައިވެސް މާޔާ އަށް އެކަނިވެރިކަން އިޙުސާސް ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. މާޔާ ދެކެ އަބަދުވެސް އެންމެ ބޮޑަށް ލޯބިވެ މާޔާއަށް އަޅާލީ އެބޮޑުދައިތައެވެ.

ބޮޑުދައިތަގެ ޚިޔާލުތަކަށް ގެއްލިފައި އިންދާ، ކުޑަ ކުދިންތަކެއްގެ ހުނުމުގެ އަޑުން މާޔާ ސިއްސައިގެން ދިޔައެވެ. އަޑު އަންނަ ދިމާލަށް ނަޒަރު ހިންގާލިއިރު އޭނާ އިންތަނާއި މާދުރު ނޫން ހިސާބެއްގައި އުމުރުން ގާތްގަނޑަކަށް ދިހަ އަހަރާއި ބާރަ ވަރަކަށް އަހަރުގެ ހަ އަންހެން ކުދިން، ކޮރާ ކުޅެން ތިއްބާ މާޔާއަށް ފެނުނެވެ. ކުޅުމުގެ ފޯރީގައި އެކުދިން މަޖާ ކުރަމުން ދިޔަ މަންޒަރުން މާޔާގެ ހިތައް ވެސް އުފާވެރިކަން ގެނުވިއެވެ.

އެހިނދު އަނެއްކާވެސް މާޔާގެ ޚިޔާލުތައް މާޒީއަށް ދަތުރުކުރިއެވެ. އޭނާގެ އުމުރުން ދިހަ ވަރަކަށް އަހަރުގެ ދުވަސްތަކަކަށެވެ.

މާޔާގެ އާއިލާ އެންމެ ފުރަތަމަ މާލޭގައި ދިރިއުޅުމުން ދިޔައީ އޭނާގެ މަންމަގެ ބޮޑުބޭބެގެ ގޭގައެވެ. އެގޭގައި މާޔާއާއި އެއް އުމުރެއްގެ ކުދިންތަކެއް އުޅުނެވެ. އެހެންކަމުން އެކުދިންނާއިއެކު މާޔާ ވެސް ކުޅެން އުޅުނެވެ.

އެއްދުވަހެއްގެ ހާދިސާއެކެވެ. ގޭގައި އުޅުނު އެހެން ދެ އަންހެން ކުދީންނާއެކު މާޔާ އުޅުނީ ގަނޑުފިއްލާ ކުޅޭށެވެ. ފަތްޖެހި އެނދުގައި ބޮޑު ބެޑުޝީޓެއް އަޅައިގެން މާޔާ އޮތީ ފިލައެވެ. އެއް ކުއްޖެއް ކޮޓަރި ތެރޭގައި ފިލިއިރު އަނެއް ކުއްޖާ ބޭރުގައި ހުރެގެން ދިހައަކާއި ހަމައަށް ގުނިއެވެ. ބެޑުޝީޓު ދަށުގައި އޮތީ މާޔާކަމެއް ނޭނގޭނޭ ހީކޮށް އޭނާ ހެއުނެވެ.

ބޭރުގައި ހުރި ކުއްޖާ ނަންބަރުތައް ގުނަމުން ގޮސް އަށަކާއި ހަމައަށް ގުނުމަށްފަހު ކުއްލިއަކަށް ހުއްޓާލިއެވެ. މާޔާ ހައިރާންވިއެވެ. އެއްކޮށް ނުގުނާ އެތެރެއަށް ވަންނަނީބާއޭ ހިތައް އެރިތަނާހެން ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ބެޑުޝީޓަށް ހިފާ ދަމައިގަތެވެ. އެއީ ކާކުތޯ އިސް އުފުލާ ބަލާލިއިރު ކުރިމަތީގައި ހުރީ މާޔާގެ ބައްޕައެވެ. ރުޅިވެރިކަމާއެކު އޭނާއާއި ދިމާލަށް ބަލާށެވެ.

ބައްޕަ އެންމެ ފުރަތަމަ ވެސް ހިފީ މާޔާގެ ފަން، ދިގު އިސްތަށިގަނޑުގައެވެ. އިސްތަށިގަނޑުގައި ހިފާ ދަމާ އެނދުން ވައްޓާލާފައި މާޔާގެ އެއް އަތުގައި ހިފާ ދަމަމުން އެކޮޓަރީ ތަޅުންގަނޑުގައި މާޔާ ދަމާފައި ގެންދިޔައެވެ. އެއިރު ދެން ތިބި ކުދިން ބިރުން އަދި ހަމްދަރުދީގެ ނަޒަރަކުން މާޔާއާއި ދިމާލަށް ބަލަން ތިބިތަން މާޔާ އަށް ފެނުނެވެ. މަދަދަށް އެދޭފަދަ ގޮތަކަށް މާޔާވެސް އެކުދިންނާއި ދިމާލަށް ބަލާލިއެވެ.

ބައްޕަ އެފަދަ ގޮތަކަށް ކަންތައް ކުރަނީ ކީއްވެކަން މާޔާއަށް ނުވިސްނުނު ކަމުގައިވިޔަސް، ކޮޓަރިއަށް ގެންދިޔުމާއެކު އޭނާއަށް އަނިޔާ ކުރަން ފަށާނެކަން މާޔާއަށް ވިސްނުނެވެ. އެއީ އޭގެ ކުރިން ވެސް މާޔާއާއިމެދު ބައްޕަ އެފަދައިން ކަންތައް ކޮށްފައިވާތީއެވެ.

ލިބެން އުޅޭ އަނިޔާތަކާއިމެދު ވިސްނާފައި އެކުޑަކުޑަ ހިތް އެކަމާ އިންތިހާއަށް ބިރުގަތެވެ.


(ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ..)


0% އުފާވި
100% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)