ކަށްވަޅުގެ އަޒާބުން މީހަކު ސަލާމަތް ކުރެއްވުމަށް ސޫރަތުލް މުލްކު އެދިލެއްވިތަ؟

މިއީ އިނގިރޭސިވިލާތުގައި ދިރިއުޅޭ، ކަޝްމީރަށް އުފަން ޝެއިޚް އަހުމަދު އަލީ ދެއްވި ދަރުހެއްގައި އެމަނިކުފާނު ކިޔާދެއްވާފައިވާ ވާހަަކަ އެކެވެ.

"އިބްނު އަސާކިރް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ.

އަނަސްގެފާނުންގެ ވެރިކަމުގައި އެއްދުވަހު ފިރިހެނަކު ނިޔާވިއެވެ. ކީރިތި ޤުރްއާނުގެ ސޫރަތްތަކުން އެމީހާއަށް އެނގި ވަޑައިގަންނަވާ ކިޔަވާ ވިދާޅުވީ ސޫރަތުލް މުލްކު އެކަންޏެވެ. އެހެން އެއްވެސް ސޫރަތެއް އެމީހާއަށް އެނގިވަޑައެއް ނުގަންނަވައެވެ. ނިޔާވުމަށްފަހު ކަށްވަޅުގައި އޭނާ އޮންނެވިއިރު، މާތް ﷲ ސުބްޙާނަހޫ ވަޠައާލާ އޭނާގެ ގާތަށް މަލާއިކަތް ބޭކަލުން ފޮނުއްވެވިއެވެ. އޭނާއަށް ކަށްވަޅުގެ އަޒާބު ދެއްވުމަށެވެ.

ކަށްވަޅުގެ އަޒާބު ދެއްވުމަށް ކަށްވަޅުގެ ތެރެއަށް މަލާއިކަތް ބޭކަލުން ވަދެވަޑައިގަންނަވާއިރު، ސޫރަތުލް މުލްކު ވެސް އެތަނުގައި ހުންނެވިއެވެ. އެމީހާއާއި ކަށްވަޅުގެ އަޒާބާއި ދެމެދުގައި ސޫރަތުލް މުލްކު ހުންނަވައެވެ. އެހިނދު މަލާއިކަތް ބޭކަލުން ދަންނަވައެވެ.

'ދުރަށް ޖެހިވަޑައިގަންނަވާށެވެ. ތިޔަ ސޫރަތަކީ މާތް ﷲ ގެ ފޮތުގެ ސޫރަތަކަށް ވުމުން ތިމަންމެން ތިޔަ ސޫރަތަށް އެއްވެސް ގެއްލުމެއް ދެއްވާކަށް ބޭނުންފުޅެއް ނުވެއެވެ. އެހެން ނަމަވެސް ތިމަންމެންނަށް އިތުރު ގޮތެއް ނެތެވެ. މާތް ﷲ ތިމަންމެންނަށް އަމުރު ކުރައްވަވާފައިވަނީ މީނާއަށް އަޒާބު ދެއްވުމަށެވެ. މީނާގެ އަޒާބަށް ހުރަސް އަޅާ ސަލާމަތް ކުރައްވަން ބޭނުންފުޅު ވަނީނަމަ، ޢަރްޝާއި ކުރްސީގެ މަތިވެރި އިލާޙު އަރިހުން އެކަމަށް އެދިލައްވަން ދުރުވާށެވެ.'

އެހިނދު ސޫރަތުލް މުލްކު، ރައްބުލް އިލާޙް އަރިހަށް ވަޑައިގެއްނެވިއެވެ. އަދި ދެންނެވިއެވެ. 'ޔާ ﷲ. އިބަރަސްކަލާނގެ ފޮތުން، އެއަޅާ އަބަދުމެ ތިމަން މަތިން ހަނދުމަކޮށް ތިމަން ކިޔަވާ ވިދާޅުވިއެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާކޯއެވެ. އޭނާގެ ހިތުގައި ތިމަން ވާހިނދު، އިބަރަސްކަލާނގެ އޭނާއަށް އަޒާބު ދެއްވާ ނަރަކަވަންތަ ވެރިއެއް ކަމުގައި ލައްވަނީ ތޯއެވެ؟ އެފަދައިން ކަންތައް ކުރައްވަނީނަމަ، ޔާ ﷲ، އިބަރަސްކަލާނގެ ފޮތުން ތިމަން ވަކިކުރައްވަވާށެވެ.'

އެކަލާނގެ ބާވާލެއްވި ސޫރަތެއް މިފަދައިން އެކަލާނގެ ޙަޟްރަތުން އެދިލައްވަނީ ވެސް ހަމަކަށަވަރުން އެކަލާނގެ ކުޅަދުންވަންތަ ކަމުންނެވެ. އެކަލާނގެ ހެއްދެވި އަޅުތަކުން ސުވަރުގެ ވެއްދެވުމަށް ކުޑަވެސް ފުރަސަތެއް އޮތްނަމަ، އެކަލާނގެ އެފުރުސަތު ވެސް އަޅުތަކުންނަށް ދެއްވަވައެވެ. އެހެނީ އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެ ކަމުގައި ވާތީއެވެ.

އެކަލާނގެ ޙަޟްރަތުން ސޫރަތުލް މުލްކު މިހެން ވިދާޅުވުމުން، އެސޫރަތަށް މާތް ﷲ ވަޙީ ކުރައްވަވައެވެ. 'ހީވާގޮތުން ތިޔަ ސޫރަތް ތިވަނީ ކޯފާ އިސްވެފައެވެ.' ސޫރަތުލް މުލްކު ޖަވާބު ދެއްވައެވެ. 'ޔާ ﷲ އެވެ. ކޯފާ އިސްވުމުގެ ހައްޤު ތިމަންނާއަށް ލިބިގެން ނުވޭ ހެއްޔެވެ؟ އޭނާ ތިމަން ކިޔަވާ ވިދާޅުވިއެވެ. އެެހެންނަމަވެސް އިބަ އިލާހު އޭނާއަށް އަޒާބު ދެއްވަނީ ހެއްޔެވެ؟'

އެހިނދު އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. 'ތިޔަ ސޫރަތުގެ ޝަކުވާ ތިމަންރަސްކަލާނގެ ޤަބޫލު ކުރައްވަވާފީމެވެ. އޭނާއާއި މެދު ތިޔަ ސޫރަތަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވަވާށެވެ.' "


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)