ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީން މަރާލިކަމަށް ތުހުމަތުވާ ނަޖާހު ދޫކޮށްލައިފި!

މީގެ ނުވަ އަހަރުކުރިން، މާލެގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި، މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީން ގެ މަރުގެ މައްސަލާގައި އޭނާ މަރާލިކަމަށް ތުހުމަތުވާ ލ.ގަން/ތުނޑިވިލާ މުޙައްމަދު ނަޖާހް ދޫކޮށްލައިފިއެވެ. އެނގިފައިވާ ގޮތުގައި ނަޖާހު އަކީ ޝީރީންގެ ކުރީގެ ލޯބިވެރިޔާއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ 2009 ވަނަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައެވެ. އެއިރު ނަޖާހުގެ މައްޗަށް ތުހުމަތު ކުރެވި އޭނާ ހައްޔަރު ކުރެވުނު ނަމަވެސް، އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެމައްސަލައިގައި ތުހުމަތުވާ ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. އަދި ދައުލަތުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެގޮތުން މިމައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ބޭއްވިއިރު، އެއަޑު އެހުމަށް ނަޖާޙު ހާޒިރެއް ނުވެއެވެ. މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މުޙައްމަދު ނިޔާޒް ވިދާޅުވީ ނަޖާހް މިހާރު ދޫކޮށްލާފައިވާ ކަމަށް ބުނެ ކަރެކްޝަންސް އިން މިދިޔަ އާދީއްތަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ނަޖާހު ދޫކޮށްލާފައިވަނީ މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ކަރެކްޝަންސްގެ ސިޓީގެ ބުނެފައިވާ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. ނަޖާހު ދޫވީ އޭނާ ތަންފީޒު ކުރަމުން އައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމަކަށް މާފު ދިނުމުން އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަކީ، ޖިނާއީ ކުށްތަކުގައި ހުކުމް ކޮށްފައިވާ، އަދި އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ އަދަބުތަކަށް ލުއި ދޭނެ ނުވަތަ މައާފު ދެވޭނެ ގޮތްތައް ބަޔާން ކުރާ ގާނޫނެވެ.

ނަޖާހުއަށް މާފް ދިން އެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކި ހާލަތްތަކެއްގައި ކުށްތަކަށް މައާފު ދިނުން ނުވަތަ އަދަބަށް ލުއިދެވޭނެ އެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)