ބަންދު ކުރަން ޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދު ކުރެވޭނެ: ހޯމް މިނިސްޓަރ

ބަންދުކުރަންޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދު ކުރެވޭނޭކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ފެށުނީއްސުރެ ވަކަލާތުކުރަމުންއައި އުސޫލު ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. ކުށްކުރާ މީހުންނާ ދޭތެރޭގައިވެސް ޢަމަލުކުރަމުންދާނީ އިންސާފުވެރިކަމާއެކު ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވަނީ މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހިމެނޭ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް އެކުލަވާލި ކޮމިޝަނުގެ ތަޙްޤީޤުން ހާމަވާ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެމަނިކުފާނާއި މިސަރުކާރު ފަހަތައް ނުޖެހޭނެކަމަށެވެ. 

މިމައްސަލަތަކުގައި ތަޙްޤީޤަށް ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް މިހާރުން މިހާރަށް ބަންދުކުރަންޖެހޭ މީހަކު ހުރިނަމަ އެމީހަކު ބަންދުކޮށް ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތު ލިބޭނެމަގު ފަހިކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)