ބޯހިޔާވަހިކަމުގެ ޤާނޫނެއް އަންނަ ދައުރުގައި އެކުލަވާލަނީ

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ބޯހިޔާވަހިކާމާބެހޭ ޚާއްޞާ ޤާނޫނެއް އެކުލަވާލައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ރައީސް ނަޝީދުވަނީ އަންނަ ދައުރުގައި އެންމެ އިސްކަމެއް ދެއްވައިގެން ފާސްކުރައްވާނެ ޤާނޫނުތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އަންނަ ދައުރުގައި އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ލާޒަމަރުކަޒީ ޤާނޫނަށް އިޞްލާޙު ކުރުމަށްކަމަށެވެ. އެއީ އަންނަ ދައުރުގައި ކުރައްވާނެ އެންމެބޮޑު މަސައްކަތްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގިނަ އަދި ބޮޑެތި އިޞްލާހުތަކެއް ގެންނަވާނެކަމަށެވެ. އެގޮތުން އެއިޞްލާހުތައް މިހާރު އެކުލަވާލާފައިވާކަމަށާ، އޭގެތެރެއިން އެންމެ ބޮޑަށް ފެންނާނީ ރަށްރަށުގެ އިޙްތިޞާސް ކަނޑައެޅުންކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ލިބިގެންދާ އިޙްތިޞާސްގައި 700 މީޓަރު ކައިރީގައި ރަށެއް އޮވެއްޖެނަމަ އެރަށެއްގެ އިޙްތިޞާސްގެ ގޮތުގައި އެރަށެއް އެކުލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ކަނޑައެޅޭ ފަސް އިންސައްތަ ފައިސާއާއެކު ފަސް އިންސައްތަ މަސައްކަތްތައްވެސް ކައުންސިލްތަކަށް ބަދަލުވާނެކަން ފާހަގަކުރައްވާ ރައިސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ މިލްކިއްޔާތުގައި ހިމެނޭ ކަންކަން އެރަށެއްގެ ކައުންސިލްގެ އެއްޗެއްކަމަށް ހިމެނި ބާރުތަކާއި އިޚްތިޔާރުތައްވެސް އިތުރުވެގެންދާނެކަމަށެވެ.

"ދައުލަތުގެ ބަޖެޓްގެ %5 ފައިސާއާއެކު ކައުންސިލްގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް އަންނާނެ. މުޅި ރަށުގެ މިލްކިއްޔާތަކީ ކައުންސިލްގެ އެއްޗެއްކަމަށް ފާހަގަކުރެވިގެންދާނެ، އަދި މުޅި ކައުންސިލަށް ބާރާއި އިޚްތިޔާރުތައްވެސް މާ ގިނަވާނެ." ރައިސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަންނަ ދައުރުގައި އެންމެ ބޮޑު އެއް މަސައްކަތެއްގެ ގޮތުގައި ބޯހިޔާވަހިކަމުގެ ޤާނޫނެއް އެކުލަވާލައްވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި "ވެށިފެހި މާލެ" އަދި ގެދޮރުގެ މަސައްކަތްކުރުމާއި، ގޯތި ގެދޮރު ބިނާކުރުމުގެ ހުރިހާ ބާވަތެއްގެ ކަންކަންކުރުމަށް ޤާނޫނެއް އަންނާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމާއި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސިޔާސަތުތަކެއް ޤާނޫނެއްގެ ގޮތުގައި ކަނޑައެޅި އޭގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމާ ގުޅޭ ޤާނޫނަކީވެސް އަންނަ ދައުރުގަ ކުރެވޭ ބޮޑު މަސައްކަތެއްގެ ގޮތުގައި ފެނިގެންދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ހުޅުމާލޭގައި އިތުރު ފްލެޓްތައް އަޅައި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދަން "ހައުސިން ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާ، ރާއްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި މިއަހަރު ތަންފީޒު ކުރަން ފަށްޓަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ވަނީ އަންނަ ދައުރުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެކަން އަންނަ ދައުރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)