ރިލްވާން މަރާލުމުގެ ޒިންމާ ނަގަންޖެހޭނީ ފުލުހުންގެ މުއައްސަސާއިން: އެމްޕީ މީކާއިލް

މިނިވަން ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ މަރާލުމުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންގެ މުއައްސަސާއިން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލައާއި ބެހޭގޮތުން މަރުތަކާއިބެހޭ ކޮމިޝަނުން ތައްޔާރުކޮސްފައިވާ ރިޕޯޓާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ރިލްވާން ވަގަށް ނަގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ދައުލަތުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންތަކެއް މިނިވަން ނޫސްވެރިޔާ ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށާއި އެކަން ކޮށްފައިވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް، ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެންކަން ކޮމިޝަންގެ ރިޕޯޓުން ހާމަވާ ކަމަށެވެ. ރިލްވާނަށް ހަމަލާދެން އުޅުން ކަމުގެ މައުލޫމާތު ހަމަ އެއަހަރުގެ ޖޫން މަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ވިދާޅުވެފައިވެއެވެ.

މީކާއިލްގެ އިތުރުން، މިކަމާއި ގުޅޭގޮތުން މިއަދު މެންދުރުފަހު ދަންފަޅީގައި މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހުން ފެށިގެން އޭނާގެ ލޮބުވެތި މަންމައާއި އާއިލާއިން 1860 އަށްވުރެ ގިނަ ދުވަސް، ރިލްވާން އަށްވީ ކިހިނެއްތޯ ހޯދުމުގައި ހޭދަކޮށްފައިވާ ކަމަށެވެ.

މުޙައްމަދު ވަހީދު ވިދާޅުވީ މިފެންނަނީ ޤައުމު އޮތް ހާލު ކަމަށާއި މިމައްސަލަބެލުމުގައި ފުލުހުުންގެ އިހުމާލު އޮތް ކަމަށެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)