ޔާމީން މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ! ދެން އޮންނާނީ ދިފާއުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުން ނިންމާލީ، ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމިގެންނެވެ.

މިމައްސަލަ ބައްލަވަމުން ގެންދެވި ޣާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ބަޔާނާމެދު ގޮތެއް ނިންމުމުގެ އިތުރުން ދިފާއުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެކަމަށެވެ.

ނަމަވެސް، ދިފާއުން އަދިވެސް ދަނީ ލުތުފީގެ ބަޔާން ބަލައިގަތުމާމެދު އިއުތިރާޒް ކުރަމުންނެވެ. ދިފާއުން ބުނީ ލުތުފީ ކޯޓަށް ފޮނުއްވި ސިޓީގައި ވެސް ތަހުގީގަށް ދެއްވި ބަޔާނަށް އިންކާރުކުރައްވާފައިވާތީ، އެ ބަޔާން ޝަރީއަތަށް ބަލައިނުގަނެވޭނެކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން ޣާޒީ ހައިލަމް ވިދާޅުވީ ލުތުފީ ތަހުގީގަށް ދެއްވި ބަޔާނުގެ ވީޑިއޯ ރެކޯޑިންގް ބެލުމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށެވެ. އަދި އެ އަޑުއެހުމުގައި ދިފާއީ ހެކީގެ ހެކިބަސް ނެގުމުގެ އިތުރުން، ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ހެކި ބަސް ދެއްވަން ބޭނުންފުޅުނުވާކަމަށް ލުތުފީ ވިދާޅުވެފައިވާތީ އެކަން ލިޔުމުން އެންގުމަށް އެދިފައިވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ ހަސަން ލުތުފީ ތަހުގީގަށް ދެއްވާފައިވާ ބަޔާނަކީ ބިރުދައްކައިގެން ނަގާފައިވާ ބަޔާނެއްކަމަށް ވިދާޅުވި ނަމަވެސް، އެ ބަޔާން ޝަރީއަތުގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ދެއްވުމަށް ޣާޒީ ހައިލަމްގެ ކިބައިން އެދިލައްވާ ކަމަށެވެ. އެކަމާ ގުޅިގެން ދިފާއުން ބުނީ ލުތުފީ ބަޔާން ދެއްވާފައިވަނީ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށެވެ. ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުނުވާނަމަ، ރާއްޖޭގެ އެމްބަސީއެއް ހުރި ގައުމެއްގައި ލުތުފީ ހުންނެވިއިރު، އެމްބަސީ މެދުވެރިކޮށް ވީޑިއޯ ކޮންފަރަންސުން ހެކި ބަސް ނެގުމަށް ވެސް ދިފާއުން ވަނީ އެދިފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)