ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ!

މާބިންހުރާގެ މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ނިމެންދެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބަންދު ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ތެރެއިން މާބިންހުރާ ކުއްޔަށް ދިނުމުގައި ޚިޔާނާތް ހިންގި ކަމަށް ތުހުމަތުވާ މައްސަލައިގައި ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް ދާދިފަހުން ހައިކޯޓުން ވަނީ އެހުކުމް ބާތިލުކޮށް، އަލުން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ އެމައްސަލަ ނުބަލަން ނިންމާފައެވެ. އެއީ ހައިކޯޓުން އެމައްސަލައަކީ ތަހުގީގު ފުރިހަމަ ނުވާ ސިޔާސީ ނުފޫޒުތައް އޮތް މައްސަލައެއް ކަމަށް ކަނޑައަޅާފައިވާތީ ކަމަށް އެނގިފައިވެއެވެ. ހައިކޯޓުން އެފަދައިން ކަނޑައެޅީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް ރިއާޔަތް ކޮށެވެ.

އިންޑިއާގެ ޓަގު ބޯޓެއްގައި ފިލަން އުޅެނިކޮށް އެޤައުމުން ހިފަހައްޓައިގެން އަދީބު ރާއްޖެ ގެނެސް އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިއްޔެ އަދީބުގެ ބަންދަށް 15 ދުވަސް ޖެހީ އޭނާ ރާއްޖެ ދޫކޮށް ފިލަން އުޅުނު މައްސަލައިގައެވެ.

މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވެސް އަދީބު ބަންދު ކުރުމަށް ޕީޖީގެ ފަރާތުން އެދުނެވެ. ޕީޖީގެ ވަކީލު މުޙައްމަދު އާލިމް އަބްދުﷲ ވިދާޅުވީ އަދީބު މިއަދުން މިއަދަށް ބަންދު ކުރުމަށް ބޭނުންވާ ކަމަށާއި އޭނާ މިހާރު ބަންދުގައި އެހުރީ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން ބޭނުންވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް ކަަމަށް ވެސް ވަކީލު ވިދާޅުވެފައިވެއެވެ.

އެގޮތަށް އެދޭ ސަބަބަކީ އަދީބު ފިލުމުގެ އިހުތިމާލާއި އޭނާގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކާ އޮތުމުގެ އިހުތިމާލުވެސް އޮތުމުން ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް އަދީބު ވަޑައިގެންނެވީ ވަކީލަކު ނެތިއެވެ. އެހެންކަމުން ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް ފުރުސަތެއް ދެއްވުމަށް އަދީބު އެދިފައިވެއެވެ. އަދި ވިދާޅުވީ މިހާރު ވެސް ބަންދުގައި ހުރުމުން، މިމައްސަލަ ނިމެންދެން އޭނާ ބަންދުގައި ބެެހެއްޓުމަށް އަމުރެއް ނެރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

އަދީބު އިތުރަށް ވިދާޅުވީ، ފިލައިގެން ބޭރު ޤައުމުތަކަށް ޙިމާޔަތް ހޯދުމަށް ގޮސްފައިވަނީ އޭނާ އެކަނި ނޫން ކަމަށާއި އެހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާ ދަނީ ދައުލަތާއި އެކު ހަދާފައިވާ އެއްބަސްވުމަށް ފުރިހަމައަށް އެއްބާރުލުން ދެމުން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

"މިކަމުގެ މުގުލުގަ ތިބި މީހުން ހާމަ ކުރަމުން މިދަނީ، ފައިސާތައް ދިޔަ ގޮތް ބުނެދެމުން މިދަނީ. އަޅުގަނޑުގެ ފޯނާއި އެސްއެމްއެސްތަކާއި އީމެއިލްތައް ފޯރުކޮށްދެމުން މިދަނީ. މިކަމާއި ގުޅިފައިވަނީ ވަރަށް އިސް ބޭފުޅުން، އެހެން އަޅުގަނދުގެ ފުރާނައަށް ނުރައްކާވާ އިންޒާރުތައް ދަނީ ލިބެމުން" އަދީބު ވިދާޅުވިއެވެ.

މާބިންހުރާ މައްސަަލައިގައި ބަންދާއިމެދު ވަހަކަ ދައްކަން ވެސް އަދީބު ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ވިދާޅުވެ، އެކަމަށް އެއް ދުވަސް ވެސް ދެއްވުމަށް އޭނާ މިއަދުގެ އަޑުއެހުމުގައި އެދުނެވެ. ނަަމަވެސް ވަކީލު އާލިމް ވަނީ އެކަމަށް އިއުތިރާޒް ކުރައްވާ، މިއަދުން މިއަދަށް ބަންދު ޖަހައި ދިނުމަށް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އެދިފައެވެ.

އެކަމާއި ގުޅިގެން ފަނޑިޔާރުން ނިންމެވީ މިއަދު ފަނޑިޔާރުންގެ މަޖިލިހުގައި އަދީބުގެ ބަންދު އަމުރާމެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ކަނޑައެޅުމަށެވެ. އަދި މައްސަލައިގައި ވަކީލަކު ހަމަޖައްސަން އަދީބަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ފަނޑިޔާރުން ނިންމެވިއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)