ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބް، ޒަމީރު އަދި ޒިޔަތު ހުށަހަޅައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ދެކޮޅަށް ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އެމްއެމްޕީއާރްސީ ގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ކޯޓަށް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި މިތިން ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ހެކިތަކެއް ވެސް ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅައިފައެވެ.

މީގެ އިތުރުން، އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ނަން ވެސް ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މިފަހަރުވެސް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާގެ އަޑުއެހުން މިއަދު 13:00 ގައި ކުރިއަށްދިޔަ އެއަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް، އެ ހެކިތަކާ ގުޅޭގޮތުން ސުވާލުކޮށްފައި ނުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާއަކީ ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ސާފުނުވާ ކަމަށާއި އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނޫން ކަމަށެވެ. އެއީ އެސްއޯއެފްގެ އެކައުންޓަކުން ފޮނުވި ފައިސާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއަޑުއެހުުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ޕީޖީގެ ވަކީލު މުހައްމަދު އާލިމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމް މަނާ ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ކަމަށެވެ.

 ދައުވާގައި ބުނީ، އެމްއެމްޕީއާރްސީގެ ފައިސާ ވަތް އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށާއި އެފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)