މަޙުލޫފް، އަކްރަމް ކަމާލުއްދީން އަދި މައުސޫމް ގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްފި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏާއެކު ހިންގެވި ފައިސާގެ މުއާމަލާތާއި ގުޅިގެން ގޭގައި މަޑުކުރައްވަން އެންގެވި ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެ އިތުރުން ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ކުރީގެ ނައިބު އަހުމަދު މައުސޫމް ގެ މައްސަލައިގައި ފާހަގަވީ ކަންކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ސަމާލުކަމަށް ގެނެސްފިއެވެ.

އެމައްސަލައިގައި މިތިން ބޭފުޅުން ވެސް ސަސްޕެންޑު ކޮށްފައި ހުންނަތާ ގާތްގަނޑަކަށް މަހެއްވަރު ވެއްޖެއެވެ. އެތިން ބޭފުޅުންގެ މައްސަލައިގައި ފާހަގަވީ ކަންކަން ރައީސްއަށް ފޮނުވި ކަމުގައިވިޔަސް، ހަމަ މިމައްސަލައިގައި ސަސްޕެންޑުކުރި އައިލެންޑް އޭވިއޭޝަން ބޯޑުގެ މެމްބަރު އަބްދުﷲ އާޒިމްގެ މައްސަލައިގައި ފާހަގަވީ ކަންކަން އަދި ނުފޮނުވައެވެ.

ސަސްޕެންޑު ކުރި ބޭފުޅުންގެ މައްސަލަތައް އޭސީސީން ބަލަނީ ވަކި ޚާއްސަ މައްސަލަތަކެއްގެ ގޮތުގައިކަން ވަނީ އެނގިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށާއި އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާވެފައިވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އަދި މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 5.7 މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާކޮށްފައިވާ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ.

ނަމަވެސް މިތިން ބޭފުޅުން ވެސް ވިދާޅުވެފައިވަނީ އެސްއޯއެފް އާއެކު ހިންގީ ސައްޙަ މުއާމަލާތެއް ކަމަށެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)