ފީއަލިން 14 ކުއްޖަކަށް ޑެންގީ ހުން ޖެހި، 12 ކުއްޖަކު މާލެ ގެނެސްފި!

ފ. ފީއަލީ ގައި 14 ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 12 ކުއްޖަކު ފަރުވާއަށް މާލެ ގެނެސްފިއެވެ. ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ އެރަށު ސްކޫލްގެ ކިޔެވުން ވެސް ވަނީ ހަފްތާއަކަށް ބަންދު ކޮށްފައެވެ. 

ފީއަލި ސިއްޙީ މަރުކަޒުގެ އޮފިޝަލަކު މިއަދު މައުލޫމާތު ދެއްވި ގޮތުގައި، ޑެންގީ ހުން ޖެހިގެން އެއް ކުއްޖަކު އޮބްޒަވޭޝަނަށް އެމަރުކަޒުގައި ބާއްވާފައިވާއިރު މިއަދު ވެސް އިތުރު ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު ޑެންގީ ހުމަށް ޕޮޒިޓިވް ވެގެން 12 ކުއްޖަކު މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. 

ޑެންގީ ޖެހިގެން ފީއަލިން ބައެއް ކުދިން ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާއިރު، އޭގެ ތެރެއިން ތިން ކުއްޖަކު މާލެ ގެނައީ އެމަރުކަޒުން ލަފާ ދީގެން ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ބާކީ ތިބި ނުވަ ކުދިން މާލެ ގެނައީ އާއިލާއިން އަމިއްލައަށް ބޭނުން ވެގެންނެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ފާއިތުވީ ހަފްތާ ތެރޭގައި ފީއަލީއަށް ޑެންގީ ހުން ފެތުރުނީ އެރަށަށް ދިޔަ ބޭރު މީހެއްގެ ފަރާތުންނެވެ. 

"ފުރަތަމަ ބޭރު މީހަކަށް ހުން ޖެހުނީ. އޭގެ ފަހުން ފެތުރެން ފެށީ ފާއިތުވި ހަފުތާގެ ތެރޭގައި. މިހާތަނަށް ޑެންގީ ހުން ޖެހިގެން ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް"  އޮފިޝަލު ވިދާޅުވިއެވެ.

ފ. ފީއަލީ އަކީ އާބާދީގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ޑެންގީ ހުން ކޮންޓްރޯލްކުރަން ފީއަލީގައި މިހާރު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ފޮގުކުރަން ވަނީ ފަށައިފަ އެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން އަންނަނީ ކުރަމުންނެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)