ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
- ފާތިމަތު ވަޙީދާ
- Jan 30, 2019
- 0 ކޮމެންޓު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ އަހަރު ބޭއްވި ކޮންގްރެސް، ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް އިން ބޭއްވި ޚާއްސަ ކޮންގްރެސް މައްސަލައިގައި، އެކޮންސްގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
ސުޕްރީމް ކޯޓުން މިފަދައިން ނިންމިއިރު، ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ގައި އެޕާޓީގެ ރައީސް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިންތިހާބު ކޮށްފައެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން އިންތިހާބު ކޮށްފައިވާއިރު އެޕާޓީގެ ކައުންސިލް ވެސް ވަނީ އަލުން އެކުލަވާލާފައެވެ. ނަމަވެސް އެޖަލްސާގެ ނިންމުންތައް ބަލައި ނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ، ކޮންގްރެސް ސައްޙަ ނުވާނެ ސަބަބުތައް ވެސް އެކޮމިޝަނުން ބަޔާން ކޮށްފައިވެއެވެ.
ޕީޕީއެމް ގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅިއިރު، އެޕާޓީގެ ލީޑަރޝިޕް އާއި ގުޅޭގޮތުން މިފަދަ މައްސަލަތަކެއް އޮތުމުން، ރައީސް ޔާމީން އިސްވެ ހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
އެގޮތުން އައު ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމު ހުށަހެޅުމަށްފަހު، ޕީއެންސީ ގެ ފުރަތަމަ އާންމު ބައްދަލުވުން ވެސް ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ.
ކޮމެންޓު (0)