ކައިވެނި ކުރީ ފައިސާއަށް، ލިބުނީ ހިތާމަ! (ހަތަރުވަނަ ބައި)

ދުވަސްތައް އެފަދަ އަނިޔާވެރި ކަމެއްގެ ތެރޭގައި ވޭތުވަމުން ދިޔައެވެ. ފިރިމީހާ ކޮންމެ ރެއަކުހެން އަހަރެން ރޭޕް ކުރަމުން ދިޔައެވެ. އެއީ ފިރިމީހާ ކަމަށްވާތީ ކަމާއިބެހޭ ފަރާތަކަށް މައްސަލަ ޖައްސާކަށް ވެސް އަދި އާއިލާ މީހެއް ގާތު އެވާހަކަ ބުނާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. 

ކައިވެންޏަށް އަހަރެއް ވެއްޖެއެވެ. އެއްދުވަހަކު ފިރިމީހާގެ މައިންބަފައިންނާއި ބޮޑު ދައިތަމެން އަހަރުމެންނާއި ބައްދަލު ކޮށްލަން ގެއަށް އައެވެ. އެމީހުންނާއެކު ފިރިމީހާގެ ދެބެންގެ ދެދަރި ފިރިހެން ކޮއްކޮއެއް ވެސް އައެވެ. އޭނާ ވާނީ އަހަންނާއި އެއް އުމުރެކެވެ. 

އާއިލާގެ މީހުންނާއި ވާހަކަ ދައްކަން ފިރިމީހާ ސިޓިން ރޫމްގައި އިން އިރު އަހަރެން ހުރީ ބަދިގޭގައި ކާއެއްޗެއް ތައްޔާރު ކުރާށެވެ. 

"ފަހަރީ، ހާދަ ބުރަ ކޮށްލައިގެން. ގެނޭ މަ ހެލްޕް ވެދޭނަން" ފަހަތުން މީހަކު މިހެން ބުނި އަޑަށް ސިއްސައިގެން ގޮސް ބަލައިލިއިރު، ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ ހުށްޓެވެ. 

ނޫނެކޭ ބުނެ ހީލުމަށްފަހު އަހަރެން މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް ކޮއްކޮ އެވަރުން ވެސް ބަދިގެއަށް އައިސް އެހީވާން ފެށްޓިއެވެ. 

އެއީ ފިރިމީހާގެ އާއިލާ މީހަކަށްވުމުން، އެއްވެސް މައްސަލައެއް ނުޖެހޭނޭ ހީކޮށް އަހަރެން ވެސް އެކަމާއި ނުވިސްނާ، އޭނާއާއި ވާހަކަ ދައްކަމުން ހީސަކަރާތް ޖަހަމުން ދިޔައީމެވެ. ހަގީގަތުގައި، އޭނާއާއި ވާހަކަ ދެއްކުމުން އަހަރެން ހިތްހަމަ ޖެހެން ފެށިއެވެ. ހީވީ އަހަރެން ބަންދުވެފައި އިން ކޮށީގެ ތެރެއިން އެކުވެރިއެއް ލިބުންހެނެވެ.

ނަމަވެސް އެއުފާވެރިކަން ދެމިހުރީ އެމީހުން އަހަރުމެންގެ ގެއިން ދަންދެން އެކަންޏެވެ. 

އެމީހުން ދިޔުމާއެކު ފިރިމީހާ އަހަންނަށް އަނިޔާ ކުރަން ފެށިއެވެ. އެހެން ނުހެދުމަށް އެދި ރޮއެ އާދޭސްކޮށް، އަހަރެންގެ ކުށަކީ ކޮބާތޯ އެހުމުން އޭނާ ބުނީ، އެއީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ އާއި ގާތްކޮށް ވާހަކަ ދެއްކުން ކަމަށެވެ. 

އަހަރެންގެ ގައިގައި ރޮށިފިހާ ދޭފަތުން ތަޅަމުން، އޭނާގެ ކޮއްކޮއާއި އޮތީ ކޮން ގުޅުމެއްހޭ އަހަމުން ދިޔައެވެ. ފިރިމީހާ އަކީ މޮޔައެކޭ އެވަގުތު އަހަންނަށް ހީވިއެވެ. 

ހުރިހާ ގޮތަކުން އަހަންނަށް އަނިޔާ ކުރުމަށްފަހު އޭނާ ނިކުމެގެން ދިޔައީ ރިސޯޓަށް ދާށެވެ. އޭނާ އެނބުރި އައުމުގެ ކުރިން ގެއިން ނިކުމެގެން ނުވާނޭ ވެސް ބުނެ އަހަންނަށް އަމުރު ކުރިއެވެ. 

އޭނާ ދިޔައިރު ވެސް އަހަރެން އޮތީ ރޯންށެވެ. ނަމަވެސް އެވަގުތު އަހަރެން ނިންމުމެއް ނިންމީމެވެ. ފިރިމީހާ ގާތުން ވަރިވާށެވެ. އަދި އޭނާ ދެމުންދިޔަ އަނިޔާތައް ވެސް ކޮންމެވެސް އެކަކާ ނަމަވެސް ހިއްސާ ކުރާށެވެ. 

(ފަހު ބަޔަށް އިންތިޒާރު ކޮށްލައްވާ)


0% އުފާވި
100% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)