ކުޑަ ދަރިފުޅު އޯކާއްދެމި ހޮޑުލާނަމަ، އެކަން ހައްލު ކުރާނެ ގޮތްތަކެއް!

އޯކާއްދެމުމާއި ހޮޑުލުންފަދަ ކަންކަމަކީ ޚާއްސަކޮށް ކުޑަ ކުދިންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. 

ބަނޑަށްވާ އުނދަގުލެއްގެ ސަބަބުން ވެސް ބައެއް ފަހަރު ކުޑަކުދިން ހޮޑުލާފާނެއެވެ. 

ކަމާއިބެހޭ މާހިރުން ބުނެފައިވާ ގޮތުގައި، ކުޑަ ކުދިންނަށް ރޯގާފަދަ ބަލިތައް ޖެހިފައިވާނަމަ، ހޮޑުލެވުމުން އެކުދިންނަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެއެވެ. ސަބަބަކީ ހަށިގަނޑުގެ އެތެރޭގައި އުފެދިފައިވާ ޖަރާސީމްތައް ބޭރުވާނޭތީއެވެ. 

ކުޑަކުދިން އާންމުގޮތެއްގައި އޯކާއްދެމި ހޮޑުލެވެނީ ބައެއް ކަންކަން ދިމާވުމުންނެވެ. އޭގެތެރޭގައި، ދަތުރު ކުރުމާއި، ރަނގަޅަށް ނުނިދުން އަދި ކެވޭ އެއްޗެއްގެ ސަބަބުން އެލާޖިކްވުމާއި ވެއްޓި ބޮލަށް ގެއްލުމެއް ލިބުން ވެސް ހިމެނެއެވެ.

މިފަދަ ކަމެއް ދިމާވެގެން ކުޑަ ދަރިފުޅު ހޮޑުލާނަމަ، އެކަން ރަނގަޅު ކުރެވިދާނެ ގުދުރަތީ ގޮތްތަކެއް ވެސް ހުރެއެވެ. 

އޭގެ ތެރެއިން ބައެއް ގޮތްތަކަކީ: 

  • ގިނަ ގިނައިން ފެން ބޯން ދިނުން

ހޮޑުލެވުމަކީ ހަށިގަނޑުން ފެންމަދުވެ ކުއްޖާ ވާތާ ވެދާނެ ކަމެކެވެ. އެހެންކަމުން ވީހާވެސް ގިނައިން ކުޑަ ދަރިފުޅަށް ފެން ދިނުން މުހިންމެވެ. ސިއްޙީ މާހިރުން ބުނާގޮތުގައި، ގިނަ ގިނައިން ފެން ބުއިމަކީ ކުޑަ ދަރިފުޅު ހޮޑުލުން އަވަހަށް މަނާ ކުރާވެސް ކަމެކެވެ.

  • ގޭގައި ތައްޔާރު ކުރާ އޯއާރްއެސް ދިނުން

އޯރަލް ރީހައިޑްރޭޝަން ސޮލިއުޝަން (އޯއާރްއެސް) އަކީ ހޮޑުލުމާއި ބޭރަށް ހިންގުން ފަސޭހައިން ރަނގަޅު ކުރާ ކަމެކެވެ. އެގޮތުން މިސޮލިއުޝަން އަކީ ފަސޭހައިން ތައްޔާރު ވެސް ކުރެވޭ ބުއިމެކެވެ. އެއް ލީޓަރު ފެނަށް އޯއާރްއެސް ޕެކެޓެއް އެއްކުރުމަށްފަހު އެތި ކޮޅު ކޮޅުން އެސޮލިއުޝަން ބުއިމުން، އޯކާއްދެމުމާއި ހޮޑުލެވުން ފަދަ ކަންކަން ވަރަށް ފަސޭހައިން ކޮންޓްރޯލް ވެއެވެ. އޯއާރްއެސް ޕެކެޓު ނުގަނެވޭނަމަ، ގޭގައިވެސް ތައްޔާރު ކުރެވިދާނެއެވެ. ބައި ސަމުސާ ލޮނަށް 6 ސައިސަމުސާ ބްރައުން ޝުގާ އެއްކުރުމަށްފަހު އޭގެ ތެރެއަށް 4 ޖޯޑު ފެން އަޅާފައި ރަނގަޅަށް ގިރާލާށެވެ.

  • ލުނބޯފަނި

ލުނބޯހުތު ފަންޏަކީ ވެސް ފަސޭހައިން ހޮޑުލުން މަނާ ކުރެވޭ އެއްޗެކެވެ. އޭގައި އެކުލެވޭ ވިޓަމިން ސީ ގެ މާއްދާގެ ސަބަބުން، ގައިގާ ބޮޑަށް ވަރުޖެހި ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ. 

ލުނބޯހުތު ފަނި ހެދުމަށްޓަކައި އެއް ތަށި ފެނަށް އެއް ލުނބޮލުގެ ހުތް ފެލާލާށެވެ. އެއަށް ކުޑަ ލޮނު ކޮޅަކާއި ހަކުރު ކޮޅެއް ނުވަތަ މާމުއި ކޮޅެއް އަޅާފައި ކުޑަ ދަރިފުޅަށް ދޭށެވެ. ތުއްތު ކުއްޖެއްނަމަ ލުނބޮލުގެ ތޮށިގަނޑުގެ ވަސް ޖެއްސުމުން ވެސް ހޮޑުލުން މަނާވާނެ ކަމަށް ސިއްޙީ ރިޕޯޓުތަކުން ހާމަވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)