ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިފަދައިން އަމުރު ކޮށްފައި މިވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

އެކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް މުރާޖައާ ކޮށްދިުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހުއެވެ.


0% އުފާވި
100% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)