ރައީސް ނަޝީދު، ކާނަލް ނާޒިމް އަދި ޝެއިޚް އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިޓަރު ކާނަލް މުޙައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެ މައްސަލަ މުރާޖާކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން މިރޭ ބަލައިގެންފިއެވެ.

ރައީސް ނަޝީދުގެ މައްސަލަ މުރާޖާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެކަމަށް އެދިފައިވާކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝިދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމައްސަލާގައި ފާހަގަކުރެވޭ ބައެއް ކަންކަން ފާހަގަކޮށް އެކަންކަން ބަލައި ދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅަމުންދާ ކަމަށާއި އެއޮފީހުން ބުނެފައިވަނީ ރައީސް ނަޝިދުގެ ޖަލު ހުކުމް މުރާޖާކުރަން ހުށަހެޅީ އެއީ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ޝެއިޚް އިމްރާންގެ މައްސަލަ މުރާޖާކޮށްދިނުމަށް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ ފަރާތުން، މިހިނގާ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ކާނަލް ނާޒިމްގެ ބަލައިގެންފައިވަނީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. އެކަމާމެދު އިޖުރާއީ އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އިއުލާނެއްގައި ބަޔާން ކޮށްފައިވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)