ގެއްލުނަސް ތިޔަ ލޯތްބަށް އަބަދުވެސް ހިތްހެވޭ! (ފުރަތަމަ ބައި)

"ލޯބި" މިބަހަކީ މީގެ ހަތް ވަރަކަށް އަހަރެއް ކުރިން އަހަންނަށް އެހާ މައުނަވީ ބަހެއް ނޫނެވެ. އެއީ އަހަންނަށް އެކަން ކުރިން އިހުސާސު ނުކުރެވޭތީއެވެ.

ވާނީވެސް އެހެންތާއެވެ. އެއިރު އަހަންނަކީ "ކުޑަ" ކުއްޖެކެވެ. ދިރިއުޅުމާމެދު އެވަރަށް ހޭލުންތެރިއެއް ނޫނެވެ. ޒިންމާދާރުވުމާއި ހަރުދަނާ ވުމަކީ ހަމައެކަނި ބަސްތަކެއްގެ ގޮތުގައި އަހަރެން ދުށީމެވެ. އަހަންނަށް އެއިރު މުހިންމުވަނީ މަޖާކުރުމާ ސަކަރާތް ޖެހުމެވެ.

މީގެ ނުވަ އަހަރު ކުރިން 2009 ގައި އަހަރެން މާލެ އައީ ވެސް އެފަދަ ދިރިއުޅުމެއް ރަށުގައި ދޫކޮށްފައެވެ. ރަށުގައި އުޅުނު އިރު ކުއްޖަކާ ރައްޓެހިވި ނަމަވެސް ލޯތްބަކީ ކޮން އެއްޗެއް ކަމެއް އޭނާއާއިއެކު އަހަންނަށް އިހުސާސެއް ނުކުރެވުނެވެ. އެހެންކަމުން އެކިއެކި އެހެން ސަބަބުތަކާވެސް އެކު، އެގުޅުން ކަނޑާލާފައި އަހަރެން މާލެ އައިމެވެ.

އާއިލާއާއިއެކު މާލެއައިސް ދުވަސްކޮޅެއް ފަހުން އެހެން މީހުން ފަދައިން އަހަރެން ވެސް "ފޭސްބުކް" އަށް ވަންނަން ފެށީމެވެ. އޭގެން އެކިއެކި މީހުންނާއި ބައްދަލުވަމުން، އެކިއެކި މީހުންގެ ޕްރޮފައިލްވެސް ބަލަމުން، އަހަރެންގެ ނަޒަރު އަޅައިގަތީ އޭގައި އިން އަންހެން ކުއްޖެއްގެ ޕްރޮފައިލް އަށެވެ.

ބޭއިޚްތިޔާރުގައި އިނދެ އޭނާއަށް ފްރެންޑް ރިކުއެސްޓް ފޮނުވުނެވެ. ނަސީބު ދިމާކުރި ގޮތުން އޭނާވެސް އެފްރެންޑް ރިކުއެސްޓް "އެކްސެޕްޓް" ވެސް ކުރިއެވެ.

އަހަންނާއި އެއަންހެން ކުއްޖާއާއި ދެމެދު ވާހަކަ ދެކެވެން ފެށުނެވެ. ހައިރާންވީ ކަމަކީ، އަލަށް ވާހަކަ ދެކެވުނުއިރުވެސް އަހަންނަށް އޭނާއާއި ގަޔާވެވުމެވެ. އޭނާއާއި އަހަރެންގެ މިޒާޖު ވަރަށް އެއް ގޮތްވިއެވެ. ހެއްވާ މަޖާ އެއްޗެހި ކިޔަމުން ވާހަކަ ދެކެވެމުން ދިޔައިރު، އުފާވެރިކަން އަހަންނަށް އިޙުސާސް ކުރެވުނެވެ. އެއުފާވެރިކަމުގައި މާފަންނުން ހެންވޭރު އާޓިފިޝަލް ބީޗާއި ހަމައަށް ހިނގަމުން ހިނގަމުން ދެވުން އިރުވެސް އަހަންނަކަށް ނޭނގުނެވެ.

އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ރަށުގައެވެ. އަދި އަހަރެން އުޅުނީ މާލޭގައެވެ. ދެމީހުން ވެސް ވާހަކަ ދެކެވެމުން ގޮސް އިތުރަށް ގާތްވެވުމުން އަހަރެން އޭނާގެ ނަންބަރު ހޯދީމެވެ. ނަންބަރު ހޯދަން ވެސް އަހަރެން ބޭނުން ކުރީ އާދައިގެ ފިލްމީ ޑައިލޮގެކެވެ.

"އަހަރެން މިއުޅެނީ އަހަރެންގެ ފޯނު ނަންބަރު ގެއްލިގެން. ތީނަގެ ނަންބަރު ލިބިދާނެތަ؟" މިއީ އޭނާގެ ނަންބަރު ހޯދަން އަހަރެން ބުނި ބަހެވެ. އޭނާ ހޭން ފަށާފައި އަހަންނާއި ދިމާލަށް މޮޔައަށް ގޮވުމަށްފަހު ނަންބަރު ދިނެވެ.

އެއަށްފަހު ދެމީހުންގެ ދެމެދު ވާހަކަ ދެއްކުން އިތުރުވެ، އިތުރަށް ގަޔާވާން ފެށުނެވެ. ފޯނުން ވާހަކަ ދެއްކުމުގައި ވަގުތު ހޭދަކޮށް، އެނޫން ވަގުތު ތަކުގައި އެކަކު އަނެކަކަށް މެސެޖު ކުރުމުގައި ހޭދަ ކުރީމެވެ. ވަގުތުތައްދާ ގޮތެއް ވެސް ނޭނގެއެވެ.

އެއްދުވަހު ހެނދުނު ހޭލެވުނުއިރު އޭނާގެ ފަރާތުން ލިބިފައި އިން މެސެޖެކެވެ.

"އަހަރެން މިދަނީ މާލެ. ތީނައާއި ބައްދަލު ކުރަން. ބައްދަލު ކުރާނަން ދޯ؟"


(އަދި ނުނިމޭ)


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)